English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ29ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ޗައިނީޒް ގާލިކް ޗިކަން ” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

1 ކުޑަ ފިޔާ ހިމުންކޮށް ޗޮޕްކޮށްފައި
9 ލޮނުމެދު ހިމުންކޮށް ޗޮޕްކޮށްފައި
2 ގަނޑު ޗިކެން ބްރެސްޓް (ހަނިދިގަށް ކުދި ކުދި އެތިކޮޅަށް ތުނިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް
1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
2 މެޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް
1 ޖޯޑު ނުވަތަ ސޯސް (ނުވަތަ ބޭނުންވާ ވަރަށް ސޯސް)
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް
ތެޔޮ (ޑީޕްފަރައި ކުރުމަށް)

ކުކުޅު މެރިނޭޓް ކުރުމަށް :

2 މޭސުމަތީ ސަމުސާ ސޯޔާސޯސް
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް
ޖިންޖާ އަދި ގާލިކް ޕޭސްޓް
1 ސަމްސާ ކޯންފްލާރ
1 ސަމްސާ އާދިއިގެ ފުށް
1 ބިސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅު ކޮޅު ތަށްޓަކަށް އަޅާފައި އޭގެ ތެރެއަށް (ފުށާއި ކޯންފްލާ އަދި ބިސް ފިޔަވައި) އެހެން ހުރިހާ ބާވަތެއް އެކޮށްފައި 1 ގަޑި އިރުވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން ކުކުޅު ކޮޅު ތެލުލާން ވީމަ ބިސް އެއްކޮށްފައި ކޯންފްލާ އަދި ފުށްކޮޅު ވެސް ރަނގަޅަށް އެއް ކޮށްލާށެވެ. ދެން ތެއްޔަކަށް ތެޔޮއަޅާފައި ތެޔޮ ރަނގަޅަށް ހޫނުވެލީމާ ފަހަރަކު ކުކުޅު ކޮޅެއް ތެލަށް އަޅަމުން ގޮސް ތެއްޔަށް އެޅޭވަރަކަށް އަޅާފައި ހަލުވަމުން 1 މިނެޓް ވަރުވަންދެން ތެލުލާފައި ބްރައުން ކުލަ އެރީމަ ތެލުން ކުކުޅު ކޮޅުތައް ނަގާލާށެވެ. ކުކުޅު ހުސްވަންދެން މިގޮތަށް ތެލުލާށެވެ. ނޯޓް: (ކުކުޅު 1 މިނެޓަށް ހޫނުގަދަކޮށް ޑީޕް ފްރައި ކޮށްނިމޭއިރު ހުންނާނީ ރޯފިލާފައި)

ދެން ތަވައެއް ނަގާފައި ތެޔޮފޮދެއް އަޅާފައި އޭގެތެރެއަށް ފިޔާކޮޅު އަދި ލޮނުމެދު ކޮޅު އަޅާފައި މޯޅިވަންދެން ދޭފަތުން ހަލުވަމުން ގެންދާށެވެ. ދެން ފިޔާކޮޅު ރަތްވާން ފެށީމާ މަތީގައި ބުނެފައި ވާ ހުރިހާ ސޯސްތައް އެއްކުރުމަށްފަހު ލޮނު އަދި އަސޭމިރުސް ކޮޅު ވެސް އެއްކޮށްލާފައި ކުކުޅު އެއްކުރުމަށްފަހު ކުކުޅުގެ ބޭރުގައި ރަނގަޅަށް ސޯސް ހިފާވަރަށް އެއްކުރަމުން 3 މިނެޓް ވަރު ކައްކާލާށެވެ. ސޯސް މާހިކި ނަމަ ކުޑަ ފެންފޮދެއް އަޅާލާށެވެ.