ގައުމުގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގައި ކޮރަޕްޝަން ފެތުރިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިޒަމާނުގައި ބޭރުގެ ބާރުތަކުން ގައުމުތަށް އަޅުވެތިކުރަން ކުރާ އެންމެ ބޮޑު ކަމަކީ ގައުމުގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށެވެ. މީގެތެރޭގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކައިގެން ގައުމު އިސްތިއުމާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރޭގައި ވެރިންގެ އަބުރު ކަތިލައި މިނިވަން މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލޭފަދަ ވާހަކަތައް ދެއްކުމާއި، ކުށެއްނެތް މީހުންނަށް ވުރެ ސިޔާސީ ވެރީންގެ ހައްގުތައް އިސްކުރުމަކީ ދުނިޔޭގައި މިހާރު އާންމުވެފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ސިޔާސީ ހައްޔަރީން ގިނަވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އިންސާފު ލިބެން ވަނީ ހަމައެކަނި ސިޔާސީ ހައްޔަރީންނަށް އެކަނި ނޫން ކަމަށާއި އެއްވެސް ކުށެއް ނެތި މަގުތަކުގައި މީހުން މަރާލުމަށް ފަހު އެމީހުންނަށް ލިބެންވާ އިސްފު ނުލިބި ލަސްވަމުންދާއިރުވެސް އެވާހަތައް ދައްކާނެ ބަޔަކު ނުވުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގާނޫނު ކުރިމަތީގައި އެންމެނަކީވެސް ހަމަހަމަ ބައެއް ކަމަށެވެ. އެހެންނަމަވެސް އަމިއްލަ ފައިދާއަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމުގެ ސަބަބުން މިއަދު ރާއްޖެ މިވަނީ ހަރާބުވެފަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ބިރުވެތިވާން ޖެހޭ މިންވަރަކަށް ގައުމުގެ ސިޔާދަތާއި މަސްލަހަތަށް ނުރައްކާވަމުންދާ މަންޒަރު އެބަ ފެންނަ ކަމަށާއި ގައުމިއްޔަތަށް ބަދަލު އައިސްދާނެކަމުގެ އިންޒާރުގެ ރަނގަބީލު ޖެހެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ހަމަލާއަކީ ޒާތީ ތައައްސަބުން ފުރިގެންވާ ދިވެހި ހާއިނުންތަކެއް ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ސަރުކާރު ވައްޓާލުމަށްޓަކައި ދިން ހަމަލާއެއް ކަމަށެވެ. އަދި ގައުމުގެ ސަރުކާރު ވައްޓާލުމަށްޓަކައި ނޮވެމްބަރު ތިނެއްގެ ފަހުންވެސް އެތައް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށާއި އެކަންކަމުން ގައުމު ސަލާމަތްވީ ސިފައިންގެ ހިތްވަރާއި މިންނެތް މަސައްކަތުން ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ނަޞްރުގެ ދުވަހަށް ޚާއްޞަ ކޮށްގެން އެމްއެންޑީއެފުން ނެރޭ އައްޑަނަ މަޖައްލާގެ 24 ވަނަ އަދަދުގެ މަޖައްލާ ވަނީ ނެރެދެއްވާފައެވެ. މި އައްޑަނަ މަޖައްލާ ނެރެދެއްވީ މި ޖަލްސާގެ ޝަރަފުވެރިމެހުމާން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި ނަޞްރުގެ ދުވަހާއި ގުޅޭ ދެ ލަވައެއް ބޭންޑް އެންޑް މިއުޒިކް ވިންގުން ވަނީ ހުށަހަޅައިދީފައެވެ.
ރޭގެ ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޝަރަފުވެރިކަމާއިއެކު ސިފައިންގެ ޚިދުމަތުން ރިޓަރޔަރ ކުރައްވާފައިވާ އެކި ރޭންކުތަކުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ އެހެނިހެން ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ. މި ޖަލްސާގައި ވަނީ ޚާއްޞަ ދުޢާއެއް ކޮށްފައެވެ.