ރުއްތަކެއް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހުއްޓުވައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކަސްޓަމުން މިކަން ހުއްޓުވީ ރާއްޖޭގައި އޮތް އަބޫދާބީގެ ކާގޯ ބޯޑެއްގައި މި ރުއްތައް އަބޫދާބީއަށް ގެންދަނިކޮށެވެ.އަދި ރާއްޖޭން އަބޫދާބީއަށް ގެންދަން މަސައްކަތް ކޮށްފައިވަނީ 500 ރުކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރުއްތައް އެތެރެކުރުމަށް ނަގަންޖެހޭ ހުއްދަ ނަގަން މަސައްކަތް ކުރުމުން ކަސްޓަމްސްއިން ވަނީ ހުއްދަނުދީ ހުއްޓުވާފައެވެ. އެނގިފައިވާ ގޮތުން މި ރުއްތައް ނަގާފައިވަނީ ނ. މާފަރުންނެވެ. ނ.މާފަރުން 500 ރުއް އަބޫދާބީއަށް ގެންދަން މަސައްކަތްކުރަމުންދާ ކަމުގެ ޚަބަރުތަކާއި ފޮޓޯތަކެއް މީސްމީޑިޔާގައި ވެސް ދަނީ ދައުރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަރުން ނަގާފައިވާ ރުއްތައް އަރުވާފައިވަނީ ނ.މާފަރު ފަޅުގައި އޮތް ކޮޅުވެއްޓިއަކަށެވެ. އޭގެ ފަހުން އެ ރުއްތައް ކޮޅުވެއްޓިން އަރުވަން ނިންމާފައިވަނީ އެ ރަށު ބޭރުގައި އޮތް އަބޫ ދާބީގެ ކާގޯ ބޯޓަށެވެ.
މާފަރުން ރުއްތަކެއް އަބޫދާބީއަށް އެތެރެކުރަން މަސައްކަތްކޮށް އެކަން ކަސްޓަމްސްއިން ހުއްޓުވާފައިވާއިރު، އަބޫދާބީ ފަންޑުން ހިލޭ އެހީގެ ދަށުން 60 މިލިޔަން ޑޮލަރުގެ އެއަރޕޯޓެއް މާފަރުގައި ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.