English Edition
Dhivehi Edition
ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން- ފޮޓޯ ޕީޕީއެމް

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ފިޔަވާ ދެންހުރި ސިޔާސީ ޕާޓިތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށް ނިންމާލައިފި އެވެ.

ޕީޕީއެމްއަށް ނުދެވި ހުރި ފައިސާ ހިފަހައްޓާފައިވަނީ އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް އެދި ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ކަމަށްއީސީން ބުނެއެވެ.

އިލެކްޝަނުން ބުނީ ޕީޕީއެމް އަށް ދޭންޖެހެނީ ޖުމްލަ 11.5 މިލިއަން ރުފިޔާ ކަމަށާ އޭގެތެރެއިން މިހަރު ނުދީހުރި 8.6 މިލިއަން ރުފިޔާ ވަނީ ހިފެހެއްޓިފަ ކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޕީޕީއެމްގެ މައްސަލައާ މެދު ގޮތެއް ނިމެންދެން ޕީޕީއެމްއާ މުއާމަލާތް ކުރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ދޭންޖެހޭ 24.2 މިމިލިއަން ރުފިޔާ ޕާޓީތަކަށް ދީފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަށް 7.4 މިލިއަން ރުފިޔާ ދީފައިވާ އިރު ޖުމްހޫރީ ޕާޓީތަކަށް 2.5 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ވަނީ 2.6 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ މެއި މަހު ވެސް ޕާޓީތަކަށް ވަނީ ފައިސާ ހަވާލުކޮށްފަ އެވެ. ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުން ނެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ނިސްބަތްވަނީ ޕީޕީއެމް އަށެވެ. އެގޮތުން އެޕާޓީގައި 48،129 މެންބަރުން ތިބިއިރު ދެވަނަ އަށް އެންމެ މެންބަރުން ގިނަ އެމްޑީޕީގެ ދަފްތަރުގައި ތިބީ 29،008 މެންބަރުން ނެވެ. އެމްޑީއޭގެ ދަފްތަރުގައި 10648 ތިބޭ އިރު ޖުމްހޫރީ ޕާޓީގައި ތިބީ 10090 މެންބަރުންނެވެ.