ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމުގައި މިސީޒަންގައި ހަވާލުވި ހުލެން ލޮޕެޓެގީ ވަކިކޮށް އެމަގާމަށް ވަގުތީ ގޮތުން ހާނަން ސޮލާރީ ހަމަޖައްސައިފިއެވެ.
ސްޕެނިޝް ލީގުގައި ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސެޕްޓެމްބަރ 22 ވަނަ ދުވަހު އެންމެ ފަހުން އެސްޕަނިއޯލް އަތުން މޮޅުވި ފަހުން ލީގުގައި މޮޅެއް ރިއަލްއަށް ހޯދިފައިނުވާއިރު ރިއަލްވަނީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުތަކުން ސެވިއްޔާ،އަލަވޭސް،ލެވަންތޭ އަތުން ބަލިވެ އެތުލެޓިކޯ މެޑްރިޑް އާއި އެއްވަރުވެ މިދިޔަ އާދިއްތަ ދުވަހު ވާދަވެރި ބާސެލޯނާ އަތުން 1-5 ލަނޑުން ބަލިވެފައެވެ.
ދުނިޔޭގެ އެންމެ ގިނަ މިހުން ބަލާ އެލްކުލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ މިމެޗަކީ 2015 ވަނަ އަހަރަށް ފަހު ބާސެލޯނާ އިން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ކްލަސިކޯ މެޗެވެ.
52 އަހަރުގެ ހުލެން ލޮޕެޓެގީ ރެއާލްގެ ކޯޗު ކަމުގެ މަގާމުން ވަކިކުރުމުން އޭނާއަށް ވަނީ 5 މަސް ދުވަހުގެ ތެރޭގައި ދެ ވަޒީފާއިން ވަކިވާން ޖެހިފައެވެ.
މި އަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕުގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗުގެ ކުރިން ލޮޕެޓެގީ ރެއާލާ އެކު އެއްބަސްވުން ހެދުމުން އެކަމާ ހިތްހަމަ ނުޖެހިގެން ސްޕެއިނުން ވަނީ ވަގުތުން އޭނާ މަގާމުން ވަކިކޮށް ފެނާންޑޯ ހިއެރޯ އެ މަގާމަށް ހަމަޖައްސާފައެވެ.
ލޮޕެޓެގީ މަގާމުން ވަކިކޮށްފައިވާކަން ހާމަކޮށް ހޯމަ ދުވަހު ރެއާލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ”ލޮޕެޓެގީ މަގާމުން ދުރުކުރަން ނިންމާފައިވަނީ ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުލަބް ނެރޭދަށް ނަތީޖާގެ ސަބަބުން މިސީޒަންގައި ކުލަބް ދާންބޭނުންވާ ހިސާބަށް ނުދެވޭނެ ކަމަށް ބެލެވޭތީކަމަށެވެ.
ރިއާލްއިން ބުނީ ލޮޕޓެގީގެ އެއްބަސްވުން އުވާލަން ނިންމާފައިވަނީ އެ ކުލަބު ޑައިރެކްޓަރުންގެ ބޯޑާއި ލޮޕެޓެގީއާއި ދެމެދު އެއްބަސްވި ކަންތަށް ފުރިހަމަ ވެގެން ނުދާތީ މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކުލަބްގެ ކޯޗުގެ މަގާމުން ލޮޕެޓެގީ ދުރުކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
“ކުލަބުން ލޮޕެޓެގީ އަދި އޭނާގެ ޓެކްނިކަލް ޓީމުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި މުސްތަގުބަލްގައި ކާމިޔާބަށް އެދޭކަމަށް”ރިއަލްގެ ބަޔާނުގައި ވެއެވެ.
ލޮޕެޓެގީ ރިއަލްގެ ކޯޗުގެ މަގާމާއި ހަވާލުވެފައިވަނީ ވޯލްޑް ކަޕް ފެށެން 2 ދުވަހަ ވެފައިވަނިކޮށް އޭނާ އެ މުބާރާތަށް ފަހު ރިއަލްގެ ކޯޗު ކަމާއި ހަވާލުވާން އެއްބަސް ވުމާއި ގުޅިގެން ސްޕެއިން ފުޓްބޯޅަ ފެޑަރޭޝަނާއި ޖެހުނު މައްސަލަތަކާއި ގުޅިގެންނެވެ. ސްޕެއިން ގައުމީ ޓީމަށް ލޮޕެޓެގީ 14 މެޗުގައި ކޯޗުކަން ކޮށްދީފައިވާއިރު އެއްވެސް މެޗަކުން ބަލިވެފައެ ނުވެއެވެ.
މި ސީޒަނުގައި ރެއާލްގެ ކޯޗުކަމާ ހަވާލުވެ ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، ހަ މެޗުން ވަނީ ބަލިވެފައެވެ. އަދި ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އެންމެ ފަހުން ކުޅުނު ހަ މެޗުން ހޯދުނީ އެންމެ މޮޅެކެވެ.
ރިޕޯޓްތައް ބުނާގޮތުން ލޮޕެޓެގީ މަގާމުން ދުރުކުރުމަށް ފަހު ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވުން އެންމެ ގާތީ ޔުވެންޓަސް އާއި ޗެލްސީއަށް ކުރިން އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭއެވެ.
އެންމެ ފަހު އިނގިރޭސި ޕްރިމިއަ ލީގުގެ ޗެލްސީއަށް ކޯޗުކަން ކޮށްދިން ކޮންޓޭ ވަނީ އެ ޓީމްއާއި އެކު އެއް ފަހަރު ޕްރިމިއަ ލީގު ހޯދާފައެވެ.ނަމަވެސް ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ދުރުކޮށްފައިވަނީ ލީގު ހޯދުމަށް ފަހު ރަނގަޅު ނަތީޖާއެއް ނެރެވިފައިނުވުމުންނެވެ.