އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ކުރި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ޑރ އަލީ މުޒުނީ ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަނަށް ފަހު ޓީމް މެމްބަރުންނާއެކު ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ޑރ މުޒުނީ ވިދާޅުވެފައިވަނީ ކުރި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.
އައްޑޫސިޓީގައި ކުރި ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލުމުން ގިނަ ބައެއްގެ ތައުރީފް ޑރ މުޒުނީއަށް ދަނީ ލިބެމުންނެވެ.
އުމުރުން 60 އަހަރުގެ އަންހެނެއްގެ މި އޮޕަރޭޝަން މިއަދު އައްޑޫގައި ކުރިއިރު މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި އޮޕަރޭޝަން ކުރި ފުރަތަމަ ފަހަރެވެ.
އައްޑޫގައި މިއަދު ކާމިޔާބު ކަމާއެކު މި އޮޕަރޭޝަން ކުރައްވަވާފައިވަނީ މިހާތަނަށް 2000 އަށް ވުރެ ގިނަ ، ހުޅުބަދަލުކުރުމުގެ އޮޕަރޭޝަން ކުރައްވާފައިވާ އައްޑޫސިޓީގެ ބޭފުޅެއް ކަމުގައިވާ ޑރ އަލީ މުޒުނީއެވެ. ޑރ މުޒުނީ އަކީ އައިޖީއެމްއެޗުގެ ކަށީގެ ހާއްސަ ޑޮކްޓަރު އަދި ކަށީގެ ޑިޕާޓްމަންޓުގެ ހެޑް ވެސް މެއެވެ.
ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަނީ، ހުޅުގެ މަޑުކަށި ގޭނެމުން ގޮސް ބޭހަކުން ވެސް އަދި އެނޫން ގޮތަކުން ވެސް ހައްލުނުވާ ހިސާބަށް ދިއުމުންނެވެ.