English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޭއީއެޗްގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން 19 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 12:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭއީއެޗްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު އާންމު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާއިރު، އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅުއްވި ފަރާތަކަށް އިނާމެއްގެ ގޮތުގައި -/10,000 ލިބޭނެއެވެ.

އެޗްއާރްއެޗްގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ މުބާރާތަށް ހުށަހަޅާ ލޯގޯ އަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ވެގެން ނުވާނެ ކަމަށާއި، އެއީ އެ ހޮސްޕިޓަލުން ފޯރުކޮއްދޭ ޙިދުމަތްރަމްޒުކޮށްދޭ ލޯގޯއެއް ކަމުގައި ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ މުބާރާތަށް ހުށަހަޅާ ލޯގޯއަކީ އުފެއްދުންތެރި، އަމިއްލަވަންތަ ލޯގޯއެއް ކަމުގައި ވާންޖެހޭނެ ކަމަށާއި، ލޯގޯގެ ޑިޒައިންއަކީ އެ ހޮސްޕިޓަލުގެ ބިޒްނަސް ކާޑު، ލެޓަރ ހެޑް، ބެނަރ، ޔުނިފޯރމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށްވުމާއެކު، އެހެން ލޯގޯއެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެލޯގޯގެ ކޮޕީ އާއި ތަފްސީލު ވެސް ހުށަހަޅަންޖެހޭނެ ކަމަށް އެޗްއާރްއެޗް އިން ބުނެއެވެ.

އަދި ލޯގޯ ޑިޒައިން ކުރުމުގައި ހަނދުފަޅި އަދި ކްރޮސް ބޭނުންކޮށްގެން ނުވާނެ ކަމަށާއި، އެ ލޯގޯއިން އައްޑޫވަންތަކަން ރަމްޒުކޮށްދޭންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެޗްއާރްއެޗް އިން އިތުރަށް ބުނީ ލޯގޯގައި” އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް” ނުވަތަ “އޭ.އީ.އެޗް” (“Addu Equatorial Hospital/ AEH”)ގެ ނަން ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެ ކަމަށާއި، އެ މުބާރާތުގައި ބައިވެރިވާ ފަރާތަކައް ލޯގޯގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެ ކަމަށާއި، 10،000ރ. ގެ އިނާމެއްވެސް ދިނުމަށް ނިންމާފައިވާއިރު، އެއްވަނައަށް ހޮވޭ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް، އޭއީއެޗް އާ ހަވާލުކުރަންވާނެ ކަމަށެވެ.

އޭއީއެޗް އަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެންތަނެއްގައި ޓާޝާރީ ހޮސްޕިޓަލްފެންވަރުގައި ތަރައްޤީ ކުރެވިގެންދާ ފުރަތަމަ ހޮސްޕިޓަލެވެ. ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އާބާދީއަކަށް މިހޮސްޕިޓަލުން ހިދުމަތްލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ޞިއްޙީގޮތުން ދުޅަހެޔޮއާބާދީއެއް އޮތް ޤައުމަކަށް ހެދުމަށް، ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ޞިއްޙީ ޚިދުމަތެއް އެންމެންގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުން ކަމަށް އެޗްއާރްއެޗް އިން ބުނެއެވެ. އެ ހޮސްޕިޓަލްގެ ތަސައްވުރަކީ “ފުރިހަމަ ޞިއްޙަތަކަށް މުޅި ޤައުމު އެކުގައި” އެވެ.