އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް) އުވާލަން ރައީސް އޮފީހުން މިއަދު ނިންމައިފިއެވެ.
އެޗްއާރުއެޗް އުވާލުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް މިއަދު ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައި ވަނީ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސަވައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާ ކަމަށެވެ.
އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ހޮސްޕިޓަލުގެ މުދަލާއި އެހެނިހެން ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ވަނީ އަންގާފައެވެ.
ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތްތަކާއެކު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރު ވެވިފައި ނުވާތީ ކަމަށް ބުނެ ހޮސްޕިޓަލް ހުޅުވުން ވަނީ ވަކި ތާރީޚެއް ނެތް ގޮތެއްގައި ފަސްކޮށްފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމާފައިވާއިރު އެތަނަކީ އައްޑޫގައި ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ޚިދުމަތް ދެމުން އަންނަތާ 35 އަހަރުވެފައިވާ ތަނެކެވެ.