English Edition
Dhivehi Edition

އައްޑޫސިޓީގައި ކުރާ ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން މިއަދު ކުރަން ހަމަޖެހިފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫގައި މިއަދު ކުރާ މި އޮޕަރޭޝަން ކުރައްވަނީ މިހާތަނަށް 2000 އަށް ވުރެ ގިނަ ، ހުޅުބަދަލުކުރުމުގެ އޮޕަރޭޝަން ކުރައްވާފައިވާ އައްޑޫސިޓީގެ ބޭފުޅެއް ކަމުގައިވާ ޑރ އަލީ މުޒުނީއެވެ. ޑރ މުޒުނީ އަކީ އައިޖީއެމްއެޗުގެ ކަށީގެ ހާއްސަ ޑޮކްޓަރު އަދި ކަށީގެ ޑިޕާޓްމަންޓުގެ ހެޑް ވެސް މެއެވެ.

އުމުރުން 60 އަހަރުގެ އަންހެނެއްގެ މި އޮޕަރޭޝަން މިއަދު އައްޑޫގައި ކުރާއިރު މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި އޮޕަރޭޝަން ކުރާ ފުރަތަމަ ފަހަރެވެ.

ޑރ މުޒުނީ ވިދާޅުވީ މާލެއިން ބޭރުގައި މިފަދަ އޮޕަރޭޝަނެއް ކުރުމަކީ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެހެން ރީޖަނަލް ހޮސްޕިޓަލް ތަކުގައިވެސް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ފެށިގެން ދިއުމަކީ އުއްމީދެއް ކަމަށް ޑރ ވިދާޅުވިއެވެ.

ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަނީ، ހުޅުގެ މަޑުކަށި ގޭނެމުން ގޮސް ބޭހަކުން ވެސް އަދި އެނޫން ގޮތަކުން ވެސް ހައްލުނުވާ ހިސާބަށް ދިއުމުންނެވެ.

ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން މީގެ 13 އަހަރު ކުރިން ރާއްޖޭގައި އެންމެ ފުރަތަމަ ފެށީ އައިޖީއެމްއެޗުގަ އެވެ. އޭގެ ފަހުން މެޑިކާ ހޮސްޕިޓަލްގައި ޑރ މުޒުނީ ކުރެއްވި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަކީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލެއްގައި ކުރި އޭގެ ފުރަތަމަ އޮޕަރޭޝަނެވެ.