English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނާއިބު ރައީސް މޫސާ މަނިކު ސަލާމް ކުރައްވަނީ -- ފޮޓޯ ވީ ނިއުސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މަޖިލީހުގެ މެމްބަރުންގެ މައްސަލަތައް ނިންމަވައިދިނުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެދިވަޑައިގެންފިއެވެ.

މޫސަ ވިދާޅުވީ މެންބަރުންގެ ގޮނޑީގެ މައްސަލަ ނިންމައި ދިނުމަށް އުއްތަމަ ފަނޑިޔާރަށް މިހާރު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. މިކަމާ ގުޅިގެން މަޖިލިހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށް އެޖެންޑާ ކޮށްފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ބާއްވާ ޖަލްސާގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މެންބަރުންގެ ގޮޑިއާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަށް މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ސޮއިކުރައްވައި ސިޓީ އެއް ފޮނުވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާންޖެހޭ ހުރިހާ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭ ގޮތަށް ޖަލްސާތައް ބޭއްވުމަކީ މަޖިލީހުގެ ރިޔާސަތުން ކުރަންޖެހޭ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމަކަށް ނުވާއިރު، މަޖިލީހުގެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރުތައް އެންމެ ހެޔޮގޮތުގައި ތަމްސީލް ކުރުން ނޫން ކަމަށް ދެކޭ ކަމަށްވެސް މަޖިލީހުގެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައޅާފައެވެ. ސުޕްރީމް ކޯޓުން މިހާތަނަށް ގޮތެއް ކަނޑައަޅާފައި ނުވާ 8 މެންބަރުން އަދި އެބަތިއްބެވިކަން ފާހަގަކޮށްލެވެއެވެ.
އެ 8 މެންބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.