English Edition
Dhivehi Edition

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބުދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް އިއްވި 12 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ސުޕުރީމް ކޯޓަށް އަލުން ހުށައަޅައިފިއެވެ.

މިމައްސަަލަ ކުރިން ސުޕްރީމްކޯޓަށް ހުށައެޅުމުން އެކޯޓުން ވަނީ މައްސަަލަ ބަލައި ނުގެންފައެވެ.

ޝައިޚް އިމުރާންގެ މައްސަލަ އަލުން ހުށައެޅުއްވިކަން ހާމަކުރެއްވީ އަދާލަތު ޕާޓީގެ ނައިބުރައީސް އަލްއުސްތާޛު ޢަލީ ޒާހިރެވެ. އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ކުރިން ހުށައެޅި ހުށައެޅުން ބަލައިގެންފައި ނުވާތީ، އަލުން އެނިންމުން މުރާޖަޢާކޮށްދެއްވުމަށް އެދި ސުޕްރީމްކޯޓަށް ވަނީ ހުށައަޅާފައި ކަމަށެވެ.

އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު އެއްްވުމުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނާއި އެ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް އިމްރާން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކާއި ގުޅިގެންނެވެ.

އެދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ އިމްރާނާއި އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކަނޑައަޅައި އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.

އިމްރާން ޖަލަށް ލުމަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ. ހައިކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ވަނީ އިމްރާންގެ އިސްތިއުނާފް މައްސަލަ ބަަލައިނުގަތުމަށް ނިންމާފައެވެ.

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްެރީމް ކޯޓްގައި އިލްތިމާސްކުރިނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

ސުޕްރީމް ކޯޓުން ޝައިޚް އިމްރާންގެ ވަކީލުންނަށް އެދުވަހު ފޮނުވި އެންގުމުގައި ބުނެފައިވަނީ އިމްރާން އަބްދުﷲގެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާ ކުރަނިވި ހުކުމެއްކޮށްފައިވާ މައްސަލައަކަށްވެފައި، މި މައްސަލަ ސުޕްރީމް ކޯޓްގެ އިލްތިމާސަށް ހުށައެޅި ސަބަބުތަކަށް ބަލާއިރު، ހައިކޯޓްގެ ހުކުމް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތްކަމަށް ބެލެވެން ނެތަތީއާއި، ހައިކޯޓްގެ ހުކުމަކީ ސަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތަށް ކޮށްފައިވާ ހުކުމަކަށްވާތީ އަދި މި ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތަތީ މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.