ރައީސް އަބްދުﷲ ޔާމީން ގެ އަނބިކަނބަލުން މެޑަމް ފާތިމަތް އިބްރާހިމް ގިނަދުވަސް ތަކަކަށްފަހު މުލިއާގެ އަށް ވަޑައިގެންފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު މި މަހުގެ 4 ވަނަ ދުވަހު މެޑަމް ފާތުން ސައުދީއަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެޑަމް ފާތުންމުލިއާގެ އަށް ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 2:00 ހާއިރުއެވެ. އަދި މުލިއާގެ އިން ނިކުމެ ވަޑައިގެންފައި ވަނީ ހަމަ އެދުވަހު ރެގަނޑު 8:00 ހާއިރު އެވެ. މެޑަމް އާއި އެކު އެކަމަނާގެ އަރިސް ބައެއް ބޭފުޅުންވެސް މުލިއާގޭގައި އުޅުއްވި އިރު އެތާގައި ކުރެއްވީ ކޮންމަސައްކަތެއް ކަމެއް ސާފެއް ނުވެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މެޑަމް ފާތުންގެ ޓީމުގެ މައި ޖަގައެއްގެ ގޮތުގައި މުލިއާގެ ބޭނުންކޮށްފައިވެއެވެ. އަދި އިންތިހާބު ނިމުމާ އެކު މުލިއާގެއިން ވަނީ ފޮށިތަކެއްގައި ބަންދުކޮށްފައިވާ ތަކެތި ބަރުކޮށްފައިވާ ދެ ލޮރީއެއްގައި ގެންގޮސް ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ވެހިކަލްތައް މަރާމާތުކުރާ ތަނަށް ވައްދާފައެވެ. އޭގެ ފަހުން އެ ތަނަށް މެޑަމް ފާތުން ވެސް އަދި ފާތުންގެ އަރިހުގައި އުޅުއްވާ މެންބަރުން ވެސް ވަޑައިނުގަންނަވާ ކަމަށްހަބަރުލިބެއެވެ.
މެޑަމް މުލިއާގެއަށް ވަޑައިގެންފައިވާއިރު އުސޫލުގެ ދަށުން މުލިއާގެއަށް ނުރަސްމީ ގަޑިތަކުގައި ވަންނަ މީހުންނާއި ކުރާ ކަންކަން ނޯޓްކުރަންޖެހެއެވެ.