English Edition
Dhivehi Edition
ފޮޓޯ:އަވަސް އެމްވީ

ސެޕްޓެމްބަރ 23 ވަނަ ދުވަހު ނެގި އިންތިޚާބުން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނަވާ ބަލި ގަބޫލުކުރެއްވުމަށް ފަހު، މައްސަލަތަކެއް ފާހަގަކޮށް އިންތިޚާބު ބާތިލު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އިންތިޚާބު އޮޅުވާލީ، އަނގޮޓި ގެނެސް ކަމަށް ބުނާއިރު، ތުހުމަތު ކުރަނީ އެ އަނގޮޓި ގެނައީ ޝަރީފް ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފަކީ މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި އެއް ބޭފުޅެކެވެ. އެހެންނަމަވެސް އިންތިހާބަށް ފަހު ޝަރީފަށް ކުރެވުނު ތުހުމަތު ތަކަށް އެމަނިކުފާނު ހުންނެވީ މިހާ ދުވަސް ވަންދެން ބީރު ކަންފަތެއް ދެއްވަވައިގެންނެވެ.

ކަންތައްތައް ބޮއްސުންލައިގެން ދިއުމުން ޝަރީފް މިއަދު ވަނީ، އިންތިޚާބު އޮޅުވާލުމާ ގުޅޭ ގޮތުން ރައީސް ޔާމީނަށް ފާޑުވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރެއްވި ޓުވީޓެއް، ރީ-ޓުވީޓް ކުރައްވާފަ އެވެ. އަމީތްގެ ޓުއީޓުގައި ވާގޮތުން އިންތިޙާބު އޮޅުވާލުމަށް މަސައްކަތް ކުރެއްވީ ރައީސް ޔާމީނެވެ.އަމިއްލަ އަށް އަނގޮޓި އެތެރެކޮށްފައި ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅީ، އޭގެ ފޮޓޯ ނަގައިގެން ކަމަށް އަމީތު ވަނީ ވިދާޅުވެފައެވެ.އަދި އިންތިޚާބު ބާތިލްކުރަން ހެކީންގެ ގޮތުގައި މުޅިން ވެސް ހުށަހަޅާފައި ވަނީ، އިންތިޚާބު އޮޅުވާލަން ރައީސް ޔާމީން އަމިއްލަފުޅަށް ރާއްވަވާފައި ހުރި ކަންކަން ކަމަށް ވެސް އަމީތު ތުހުމަތު ކުރެއްވި އެވެ.އެއާއެކު ވިދާޅުވީ، ހެކި އުފައްދައިގެން އިންތިޚާބު ބާތިލްކުރަން އުޅުމަކީ ވެސް ޖަރީމާއެއް ކަމަށެވެ

އަމީތުގެ ޓުވީޓް ޝަރީފް ރީ-ޓުވިޓް ކުރެއްވުމާއެކު އިދިކޮޅު ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކުންވަނީ، އިންތިހާބާއި ގުޅޭ ހަގީގަތްތައް މަޑުމަޑުން ހާމަވަމުންދާ ކަމަށް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުންވަނީ ޝަރީފް އާއި އީސީގެ ދިފާއުގައި ވާހަކަދައްކާ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޓެގު