English Edition
Dhivehi Edition
ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމަށް އިދިކޮޅު ކޯލިޝަނުގެ ވަކީލުން ވަޑައިގަންނަވަނީ؛ ފޮޓޯ މިހާރު

ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށައެޅު ދުސްތޫރީ މައްސަލައިގެ އަޑުއެހުން ތައް ކުރިއަށް ގެންދިއުމަށްފަހު ކުޑަވަގުތުކޮޅެއްގެ މެދުކެނޑުމެއް ގެނެސްފިއެވެ.

މިއަދު 10:30 ގައި ފެށި މިއަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްފުޅުން ވާހަކަ ދެއްކެވި ވަކީލު ވަނީ، ފާހަގަ ޖަހާ އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި ކަމަށާއި ޝަރީފް ފޮނުއްވި މީހަކު ކަމަށް ބުނެ، އެކަަން ސާބިތުކޮށްދޭން ސިއްރު ތިން ހެއްކެއް ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމާނީ، ޝަރީއަތުގެ ބްރޭކަށް ފަހު ކަމަށާއި ސިއްރު ހެކި ގަބޫލުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޮތީ ސުޕްރީމް ކޯޓަށް އިންތިޚާބާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ދަޢުވާ ހުށަހެޅުމާއި އެ ދަޢުވާއަށް އިލެކްޝަންސް ކޮމިޝަނާއި މައްސަލައަށް ތަދައްޚުލްވެފައިވާ ސިޔާސީ ޕާޓީތަކުން މައްސަލައަށް ޖަވާބުދާރީވުމެވެ.

އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދަޢުވާ ހުށަހަޅުއްވަމުން ޕީޕީއެމް ރިޔާސީ ކެންޑިޑޭޓު ގެ ވަކީލުންގެ ޓީމުން ބުނީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ދުޞްތޫރީ ޒިންމާ އެއްފަރާތް ކުރުމަށްފަހު ކަމަށާއި، އިންތިޚާބުގައި ވޯޓުލާ ނިމި ވޯޓު ގުނަން ފެށިއިރު ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލާން ރަޖިސްޓްރީކޮށް ވޯޓުލާފައިވާ މީހުންގެ ޢަދަދަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ހުރި ވޯޓު ފޮށިތައް އެބަހުރި ކަމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރުމަށް ހަވާލުކުރި ކުންފުންޏާއި ގުޅޭގޮތުންނާއި، ވޯޓު ކަރުދާސްތަޖުގެ ސައްޚަކަން ކަށަވަރުކަރުމަށް ޔޫވީ ލައިޓް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރުން ފަދަ މައްސަލަތަކެއް ރައީސް ޔާމީންގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

މައްސަލައަށް ޖަވާބުދާރީ ވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވަނީ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައި ވަނީ ވަޙުމްތަކެއްގެ މައްޗަށް ކަމަށާއި އެ މައްސަލާއިގައި ސާބިތު އެއްވެސް ހެއްކެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި ބުނެފައެވެ.

މިއަދު ކުރިއަށްދާ ދެވަނަ އަޑު އެހުމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވާނީ ސިއްރު ހެކިން ހުށައަޅަން ރައީސް ޔާމީންގެ ވަކީލުން އެދުނު އެދުމާމެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމަވާނެ ނިންމެވުމެވެ.