ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާނުލި ނަމަ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިހާބު ކާމިޔާބު ކުރައްވާނީ 65 ޕަސަންޓުގެ އަގުލަބިއްޔަތަކުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެ އެވެ
ރޭގެ މުޒަހާރާގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށްކަމަށެވެ. އަދި ޕީޕީއެމް އިން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންގެ ހައްގުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ
އޮޅުވާލާފައިވާ އިންތިހާބެއްގައި ވެސް ރައީސްއަށް 96،000 ވޯޓު ސަލާމަތް ކުރެވުނު ކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އަދިވެސް ބޭނުންވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާގެން ކުރިޔަށްދާން ކަމަށެވެ
ރައްޔިތުންގެ ހައްގުތައް ހޯދައިދީ އިންސާފު ހޯދުމަށް ޕީޕީއެމް އިން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޕީޕީއެމްއަށް ވޯޓު ދެއްވި ހުރިހާ ސަޕޯޓަރުން އެގޮތުގައި ދެމިތިބުމަށް އަބްދުއްރަހީމްވަނީ ގޮވާލައްވާފައެވެ