2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ އެފަދަ ކަމެއް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގި ފުރަތަމަ ފަހަރު ކަމަށެވެ.
އާދިއްތަ ދުވަހު ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ މިދިޔަ އަހަރުގެ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމާއި، އިންތިޚާބުން ރައްޔިތުން ބޭނުންވި ގޮތް ނުވަތަ ރައްޔިތުންގެ ނިންމުން ނުފެންނަކަން އިތުރަށް ކަށަވަރުކޮށްދޭ ހެއްކެއް ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ހާމަކުރެއްވި ވާހަކަތަކަކީ ވަރަށް ކަންބޮޑުވާ ވާހަކަތަކެއް ކަމަށާއި، އެ މައްސަލަ ވަގުތުން ވަގުތަށް ތަޙުޤީޤުކުރަން ޖެހޭ ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ރައީސް ނަޝީދުގެ ވާހަކަފުޅުން ދޭހަވަނީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޭރުގެ ނުފޫޒު ފޯރާފައިވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ދިމޮކްރާތީ މުއައްސަސާތަކަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމަށް ޤައުމުގެ އިސްތިޤްލާލަށް އަސަރުކުރާނެ ގޮތަކަށް ބޭރުގެ ނުފޫޒު ފޯރުވުމަކީ ދިވެހި ރައްޔިތުން އެއްވެސް ގޮތަކަށް ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕީޕީއެމް އިން ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅާމެދު ހައިރާންވެ ހިތާމަކުރާ ކަމަށް ބުނެ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބޭރުގެ ފަރާތްތަކުން ނުފޫޒުފޯރުވަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤެއް ކުރުމަށް ސަރުކާރަށާއި، ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް ގޮވާލައިފަ އެވެ.
މީގެ އިތުރުން ޕީޕީއެމް އިން ބުނީ އިންތިޚާބީ ނިޒާމަށް ނުފޫޒުފޯރުވިކަމުގެ ތުހުމަތުތައް ކުރެވޭނަމަ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކީ ކޮންމެ ސިޔާސީ ފިކުރަކަށް ނިސްބަތްވާ ބަޔަކަށްވިޔަސް، އެފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅު ތަޙުޤީޤުކުރުމަށް ގޮވާލައި ޕީޕީއެމް އިން މިއަދު ބަޔާނެއް ނެރެފައިވާއިރު، މިދިޔަ ރިޔަސީ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރާފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ އަބަދުވެސް ބުނަމުންނެވެ.