ރައްޔިތުންގެ ނިންމުމަށް އިތުރު ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އދ. ދިގުރަށަށް އިއްޔެ ވަޑައިން އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންގާސިމް ވިދާޅުވީ .
ވާތުވެދިޔަ ފަސް އަހަރުގެ ދައުރެއްގައި ރައްޔިތުންނަށް އަނިޔާވެރިވުމުގެ އިތުރަށް މުޅި ގައުމުގައި ކޮރަޕްޝަނާއި ފަސާދަ އަދި ޚިޔާނާތްތެރިކަން ވަނީ އާންމުކޮށްފައި ކަމަށެވެ. ހުދު އެމަނިކުފާނުގެ އާއިލާއަށް ބަލާލި ކަމުގައި ވިޔަސް އެމަނިކުފަނުގެ ދަރިކަލުންނަށާއި އެމަނިކުފާނަށް ނުހައްގުން ދިން އަނިޔާތަކަކީ އޭގެ ހެއްކެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހުރިހާ ކަމެއް މިހެން ހުރުމުން ރައްޔިތުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެ ބޮޑު ތަނުން ބަލިކޮށްފައި ކަމަށެވެ. އިންތިޚާބު ނާކާމިޔާބުވުމަށްފަހު ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ބަލި ގަބޫލުފުޅު ކުރެއްވުމަށްފަހު މިއަދު ނިކުމެވަޑައިން ރައްޔިތުންގެ ނިންމުމަށް ދެކޮޅު ހައްދަވައި އިންތިޚާބު ބާތިލުކުރުމަށް މަސައްކަތްޕުޅު ކުރެއްވި ކަމުގައި ވިޔަސް ރައްޔިތުންގެ މިނިންމުން ވަރަށް ސާފު ކަމަށާއި މި ނިންމުމަށް އިތުރު ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
ފެށުނީއްސުރެ ރައީސް ޔާމީން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައި އިންތިޚާބު އޮޅުވާލުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވިދާޅުވެ ގާސިމް ވަނީ އިންތިޚާބުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގައި ހަރަކާތްތެރިވީ ރައީސް ޔާމީނުގެ މީހުންކަން ފާހަގަކުރައްވާފައެވެ.
އދ. ދިގުރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ގާސިމްގެ އަބިކަނބަލުން އައިޝާ ވިދާޅުވީ އިއްތިހާދު ބައިބައިވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގިގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކަކީ ކޯލިޝަން ތެރޭގައި މަސްލަހަތު ނަގާލައި ކޯލިޝަނަށް ތާއީދުކުރާ ރައްޔިތުންގެ ހިތުގައި ޕާޓީތަކުގެ ގުޅުމާއި މެދު ޝައްކު އުފެއްދުމުގެ ގޮތުން މަދު ބަޔަކު ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ.
ބަޔަކު ކިތަންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް އިއްތިހާދުގެ ހަތަރު ޕާޓީއަށް ނިސްބަތްވާ ހަތަރު ލީޑަރުންނާއި ޕާޓީތަކުގެ އެހެން އިސްވެރިން އަދި ހުރިހާ ބައިވެރިން އަދިވެސް ތިބީ އެއް ރޫހެއްގައި އެއް ފިކުރެއްގައި އެއް މަގްސަދެއް ހާސިލުކުރުމަށް މަސައްކަތް ކުރުމުގައި ދެމިތިބުމަށް ކަމަށް އައިޝާ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް 5 އަހަރު ތެރޭގައި ކޯލިޝަން ނުރޫޅޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް އައިޝާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ކަފާލާތުގެ ދަށުން މިނިވަންވުމަށްފަހު ރާއްޖެ ވަޑައިން އެމަނިކުފާނުގެ ދާއިރާ ކަމަށްވާ މާމިގިލީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މާމިގިލީގެ އިތުރަށް ކައިރި ބައެއް ރަށްތަކަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.