English Edition
Dhivehi Edition

އައްޑޫސިޓީގެ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން ޕަބްލިކްގެ ބޮޑު ތާއީދަކާއެކު، ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއަށް ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ނިންމައިފިކަމަށް އައްޑޫސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރ، އަބްދުﷲ ތައްޔިބު (ޓޮމް) ވިދާޅުވެއްޖެއެވެ.

“އޭއޯ ނިއުސް” އަށް ދެއްވި ބަސްދީ ގަތުމެއްގައި ޓޮމް ވިދާޅުވީ މަޖިލިހުގެ ގޮނޑިއަށް ޓޮމް ވާދަކުރުމަށް އައްޑޫގެ ގިނަ ބަޔަކު އެދެމުން ދާ ކަމަށާއި އެކަން ސޯޝަލް މީޑިއާއިން ވެސް ފެނިގެންދާނެ ކަމަށެވެ.

“ރައްޔިތުން އެބަ ބޭނުންވާ ބަދަލަކަށް. އެހެންކަމުން ރައްޔިތުންގެ އެދުމުގެ މަތިން ޕްރައިމަރީގައި ވާދަކުރަން ނިންމީ” ޓޮމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމާ އެކު އެމްޑީޕީގެ ސަރުކާރުގައި އުފެދިގެން ދިޔަ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލާއެކު އައްޑޫސިޓީގެ ފުރަތަމަ ކައުންސިލް މެމްބަރުންގެ ތެރޭގައި ޓޮމް ވަނީ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވަވާ ކާމިޔާބު މަސައްކަތް ތަކެއް ކުރައްވަވާފައެވެ. ހަމަ އެއާއެކު ފުރަތަމަ ދައުރަށް ފަހު ދެވަނަ ދައުރުގައި އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ ކަމުގެ މަގާމުވެސް ފުރުއްވެވި ޓޮމް ސިޓިގެ ތަރައްގީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށް ދެއްވަވާފައިވާ ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

ޓޮމް ކައުންސިލްގައި ހުންނެވި ދުވަސްވަރު ކުރައްވަވާފައިވާ ފާހަގަކުރެވޭ މަސައްކަތް ތަކުގެ ތެރޭގައި މަރަދޫ ބޮޑު މަގުގައި ހެދި ފުޓްބޯޅަ ދަނޑާއި އެ ދަނޑުގައި ލައިޓް ހަރުކޮށް ޒުވާނުންނަށް ފުޓްބޯޅަ ކުޅެވޭނެ ފުރުސަތު ހޯދައި ދިނުމަށް ކުރެއްވެވި ކާމިޔާބު މަސައްކަތް ފާހަގަކޮށްލެވެއެވެ. ހަމަ މިއާއެކު މަސްވެރިންނަށް ޚާއްޞަކޮށްގެން މަރަދޫ ބަނދަރު ސަރަހައްދުގައި ހެދި ތަނުގެ މަސައްކަތް ނިމި އެތަނަށް ކަރަންޓް ދެވި އެތަނުގެ ވެސް ބޭނުން ހިފޭނެ ގޮތްވީ ޓޮމް ކައުންސިލްގައި ހުރެގެން ކުރި މަސައްކަތުގެ ތެރެއިންނެވެ. މީގެ އިތުރުން އާންމު މީހުން ގޮސް ތިބޭނެ ކަހަލަ މައިދާން ތަކާއި ޕާކުތައް ވެސް އެ ދެދައުރުގައި ވަނީ ހެދިގެން ގޮސްފައެވެ.

ޓޮމް ފާހަގަކޮށްލެވެނީ އައްޑޫ ސިޓީގެ ތިމާވެށި ހިމާޔަތްކޮށް ބެލެހެއްޓުމާއި ސިޓީއަކީ ސާފު ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް އަމިއްލައަށް އިސްނަންގަވައިގެން ވެސް ގިނަ މަސައްކަތް ކުރެއްވެވި ހީވާގި ކައުންސިލަރެއްގެ ގޮތުގައެވެ. ހަމަ އެއާއެކު ސިޔާސީ އެއްވެސް ތަފާތު ކުރުމެއް ނެތި ބެލެންސްކޮށް ހުރިހާ ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރެއްވެވި ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ.

” މިއީ ރައްޔިތުންގެ އެންމެ ބޮޑު ތާއީދު އަޅުގަނޑަށް ލިބުނު ސަބަބު ކަމަށް ގަބޫލުކުރަން” ޓޮމް ވިދާޅުވިއެވެ.

އަމިއްލަ ވިޔަފާރި ކުރިއަރުވައި ވިޔަފާރީގެ މަސައްކަތުގައި އުޅުއްވުމަށްޓަކައި ކައުންސިލްގެ 3 ވަނަ ދައުރަކަށް ކުރިމަތި ނުލައްވަވާ އެ ދާއިރާއިން ދުރައްޖެހިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ޚިދުމަތްކޮށް ރަށަށް އަދި އައްޑޫސިޓީއަށް ކުރިއެރުން ހޯދައިދިނުމަކީ ޓޮމްގެ އަބަދުގެ ވެސް އަމާޒެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓޮމް މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަވަމުންނެވެ. އެ ގޮތުން 6 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާއެކު ފެށި “މަރަދޫ އަކުއަ ވެންޗަރ ޑައިވިން ސެންޓަރ” އަކީ މިވަގުތު ފަތުރުވެރިންނަށް ޚާއްޞަކޮށްގެން އައްޑޫގައި ހުރި ހަމައެކަނި މިފަދަ އައުޓްލެޓެވެ. މިތަނުން ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނައިރު ގިނަ ޒުވާނުންތަކެއް މި ދާއިރާއަށް ނެރެދީ ތަމްރީނު ކޮށް ދިނުމުގެ މަސައްކަތް މި ސެންޓަރުން އަންނަނީ ކުރަމުންނެވެ.

” ލިބިފައި ހުރި ހުނަރެއް އަމިއްލަ ސިޓީއަށް ދިނުމުގެ ވިސްނުން ހުރުމުން އައްޑޫގައި މި މަސައްކަތް ފެށީ. މިފަދަ މަސައްކަތެއް ހުޅުމާލޭގައި ފެށިނަމަ މިހާރު މިލިއަނުން ދާނީ ފައިދާ ވަމުން. އެކަމަކު އެއީއެއް ނޫން ޓޮމް ގެ ވިސްނުމަކީ. އަމިއްލަ ފަސްގަނޑަށް ޚިދުމަތް ކޮށްދީ މިތަނަށް ކުރިއެރުން ގެނެސްދިނުން ބޭނުމަކީ” ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ ކުރީގައި މަސައްކަތް ކުރީ ކައުންސިލްގައި ކަމަށާއި ފުރުސަތު ލިބިއްޖެއްޔާ ދެން މަސައްކަތް ކުރާނީ މަޖިލިހުގައިކަމަށެވެ.

“މަޖިލިހުގެ ގޮނޑިއެއްގައި ވެސް ޓޮމް ހުންނާނީ އެއް ދައުރަށް. ދެން އިތުރު އެހެން މެމްބަރަކަށް ފުރުސަތު ދޭނީ. ގިނަ ބަޔަކަށް މިފަދަ ފުރުސަތުތައް ދޭން ޖެހެނީ. މަގާމާއި އާރާއި ބާރަކީ ވަރަށް އެހެން ކަހަލަ އެއްޗެއް. އޭގެ ފޮނި މީރުކަން ލިބެއްޖެނަމަ ދޫކޮށްލަން އުނދަގޫވާނެ. އެތަން ފެންނަމުން މިހާރުވެސް މިދަނީ ” އޭނާ ވިދާޅުވިއެވެ.

ކައުންސިލްގައި ކުރެވުނު މަސައްކަތްތަކަށް ބަލާާއިރު އައްޑޫސިޓީއަށް ބޭނުންވަނީ ކޮންކޮން ކަންކަމެއްކަމާއި ކުރިމަތިލާން ޖެހިފައިވާ ދަތިތަކަކީ ކޮބައިކަން އެންމެ ބޮޑަށް އެނގޭނެ އެކަކަށް ޓޮމް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

“ކުރެވިފައިވާ ތަޖުރިބާ އަށް ބަލާލާއިރު އައްޑޫގެ ތަރައްގީއަށް އަދި ދާއިރާގެ ތަރައްގީއަށް މަޖިލިހުގެ ތެރޭގައި ވަކާލާތުކޮށް އެ ފުރުސަތުތައް އައްޑޫގެ ރައްޔިތުންނަށް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑަށް ފަސޭހަވެގެންދާނެ. ހަމަ އެއާއެކު އަޅުގަނޑު ގަބޫލު ކުރަނީ މަޖިލިހުގައި ދާއިރާ ތަމްސީލް ކުރައްވަވާ މެމްބަރަކީ ހަމައެކަނި ކޮމެޓީތަކުގައި މަސައްކަތް ކުރައްވަވާ ބޭފުޅެއްގެ އިތުރުން ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮސް އެކަމަކާ ގުޅޭ ގޮތުން އަތް ބޭނޭވަރުގެ ގާބިލްކަން ލިބިފައި ހުރި އެފަދަ މަސައްކަތް ކުރެވޭ މީހަކަށް ވާން ޖެހޭނެކަން. އަޅުގަނޑަށް އެކަން ކުރެވޭނެ. ކައުންސިލް މެމްބަރެއްގެ ގޮތުން ވެސް އެފަދަ މަސައްކަތްތަކެއް އަޅުގަނޑު މިވަނީ ކޮށްފައި” ޓޮމް ކިޔައިދެއްވިއެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީގައި ކާމިޔާބު ވެއްޖެނަމަ މަޖިލިސް އިންތިޚާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވަވާނީ 100 ޕަސެންޓާއެކުގައި ކަމަށެވެ. އެހާވެސް ޔަގީންކަން ބޮޑުކަމަށެވެ!

 

 

1 ކޮމެންޓް
Mariyam
އޮކްޓޯބަރު 14, 2019
Tom is the best