English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ގައި މީހުން ވަޅުލުމަށް ބޭނުން ކުރާ ސަހަރާ ފުރި މީހުން ވަޅުލާނެ ޖާގަ ހުސްވެއްޖެއެވެ.

ދާދި ފަހުން ވަނީ ސަހަރާ ފުރުމުގެ ސަބަބުން އެތަނަށް ވަންނަ ދޮރާ ކައިރީގައި ވެސް މީހުން ވަޅުލާފައެވެ.

ހިތަދޫގައި މީހުން ވަޅުލުމަށް ބޭނުންކުރަމުން އަންނަ މި ސަހަރާ ގެ އިތުރުން އެހެން ސަރަހައްދެއްގައި ވެސް ސަހަރާއެއް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ހިތަދޫ ބާޤިއަތު މިސްކިތް ހުންނަ ސަރަހައްދުގައި ހަދާ ފަންސާސް ހާސް އަކަފޫޓުގެ މި ސަހަރާގެ މަސައްކަތް މިއަހަރުގެ މާޗްމަހުގައި ވަނީ ފަށާފައެވެ. ނަމަވެސް އެތަނުގެ ވަށާ އިންފާރު ރޭނިފައި ނުވާތީ ސަހަރާގައި މީހުން ވަޅުލާން އަދި ނުފަށައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެތަނުގެ އިން ފާރު ރޭނުމަށް މިނިސްޓްރީން ތަފާތު ގިނަ ފަހަރުތަކެއްގެ މަތިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އެތަނުގައި ސަހަރާއެއް ހަދާތީ ކަންބޮޑުވުން ފާޅުކޮށް ފާރު ރޭނުގެ މަސައްކަތް ހުއްޓުވުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

އައްޑޫސިޓިގެ ހިތަދޫން މިއަދު ދެ މީހުން މަރުވެފައިވާއިރު އެމީހުން ވެސް ވަޅުލެވޭނެ ގޮތެއް ނެތިގެން ގިނަ ބަޔަކު ދަނީ މައްސަލަޖައްސަމުންނެވެ.

“މިހާރު މީހުން ވަޅުލަމުންދާ ސަހަރާއާއި ޖެހިގެން އެއޮތީ މީހުން ވަޅު ލެވޭނެ ފަދަ ހުސްބިމެއް. އެތަނަކީ ހައުސިން މިނިސްޓްރީގެ ދަށުގައިވާ ތަނެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ އެތަނުގައި މީހުން ވަޅުލާން ހުއްދަ ނުދީފައި. ހައުސިން މިނިސްޓްރީން ބުނަނީ އެތަން ސަހަރާއެއްގެ ގޮތުގައި ބޭނުންކުރުމަށް އެ މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް” މިވަގުތު ސަަަހަރާ ކައިރީގައި ހުރި ޖަމާއަތްތެެރިން ގެ ތެރެއިން މީހަކު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ކިޔައި ދިނެވެ.

“މިތިބީ މިއަދު ނިޔާވި މައްޔިތުން ވަޅުލާނެ ތަނެއް ނެތިގެން. ހަމަ ގައިމު މައްޔިތުން މަތީގައެއް ނު ބެއިތިއްބެވޭނެ” އޭނާ ކިޔައިދިނެވެ.

ހައުސިން މިނިސްޓްރީން އެފަދަ ހުއްދައެއް އިސްލާމިކް މިނިސްޓްރީއަށް ރަސްމީކޮށް ދެއްވަވާފައިވާ ކަމުގެ މައުލޫމާތެއް އަދި ނޭނގެއެވެ.