English Edition
Dhivehi Edition

ޕާކިސްތާނުގައި ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލި މައްސަލާގައި، ގާތިލު އިމްރާން އަލީ ދަންޖައްސައި މަރަން ބުދަދުވަހު ހަމަޖައްސައިފިއެވެ.

ޒައިނަބްގެ ގާތިލް މަރަން ޕާކިސްތާންގެ ކޯޓުން ހަމަޖެއްސުމާއެކު ޒައިނަބްގެ ބައްޕަބުނެފައިވަނީ އޭނަގެ ދަރިފުޅުގެ ގާތިލް މަރަންޖެހޭނީ އެންމެނަށްވެސް ފެންނަގޮތަށް ކަމަށެވެ. ޒައިނަބްގެ ބައްޕަ ބުނެފައިވަނީ އޭނަބޭނުންވަނީ ކުޑަކުދިން ވަގަށްނަގާ ރޭޕްކޮށްމަރާ މީހުންނަށް އެކަމުގެ އަދަބު ފެނި އެކަހަލަކަންތައްތަކުން އެފަދަމީހުންނަށް އިބްރަތެއް ލިބިގަތުމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ވަރަށް އަނިޔާވެރިކޮށް ރޭޕްކޮށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ޒައިނަބުގެ ހަށިގަނޑު ފެނިފައިވަނީ ކުނިގޮނޑެއްގެ ތެރެއިންނެވެ. ޒައިނަބް ރޭޕްކޮށް މަރާލީ އޭނާގެ މަންމަ އާއި ބައްޕަ އުމްރާއަކަށް ގޮސް އުޅެނިކޮށެވެ.

ގާތިލް އިމްރާންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގައި އާއި ލާހޯރުގެ ދެކުނުން އޮންނަ ކަސޫރު ސިޓީގެ އެހެން ބައެއް ކުދިން ރޭޕްކޮށް މެރުމުގެ ދައުވާ އާވެސް އެކުގައެވެ.

އިމްރާނަކީ ޒައިނަބު ދިރިއުޅޭ ގެޔަށް ގޮސް ވަރަށްގިނަ ވަގުތު އެގޭގައި ހޭދަކުރަމުން އައި މީހެކެވެ. ޒައިނަބު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ރެޔަކީ ޒައިނަބު ބޮޑުދައިތަ ގެޔަށް ޤުރުއާން ކިޔަވަންދިޔަ ރެޔެކެވެ. ބޮޑުދައިތަގެޔަށް ޤުރުއާން ކިޔަވަން ދިޔަ އެދުވަހުގެ ރޭ އިމްރާނަށް ޒައިނަބު ފެނުނީ އެކަނިމާއެކަނި މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށް އިމްރާން ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި ރޭޕްކޮށްލުމަށް ފަހު ޒައިނަބު މަރާލީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. ރޭޕްކުރުމަށް ފަހު ޒައިނަބު ދިރިހުއްޓައި ދޫކޮށްނުލައި މަރާލި ސަބަބެއް ކަމަށް ގާތިލް ބުނެފައި ވަނީ އޭނާ ހިންގި އަމަލު ފަޅާއަރައި އޭނާ ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށެވެ. އޭނާ ބުނީ ކަރުގައި ހިފައި ނޭވާ ހާސްކޮށް މަރާލުމަށް ފަހު އެތަނުގައި އޮތް ކުނިގޮނޑަށް ޒައިނަބު އެއްލާލާފައި އޭނާ ގެޔަށް ދިޔައީކަމަށެވެ.

އިމްރާންވަނީ އޭނަ މިހާތަނަށްކޮށްފައި ވާ ކުށްތަކަށް ބަލާއިރު އޭނައަށް ދެވޭ ކޮންމެ އަދަބެއްވެސް ވާނީ ކުޑަ އަދަބަކަށްކަމަށް ބުނެފައެވެ.