ހައުސިން މިނިސްޓްރީން އައްޑޫ ސިޓީގައި ވިޔަފާރިކުރުމަށް ބިންތަކެއް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަަމަށާއި އަދި އެ މަސައްކަތް މަޑުޖައްސާ ލުމަށް އައްޑޫސިޓީ ކައުންސިލުން އެދިއްޖެއެވެ.
ކައުންސިލުން އިއްޔެ އާންމުކުރި އިއުލާނުގައި ބުނެފައިވަނީ އައްޑޫސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއި، ފޯމުދޫކޮށް ގޯތި ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ވިޔަފާރިކުރުމަށް ބިންކުއްޔަށް ދޫކުރުމާއިގުޅޭ ގޮތުންހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އިޢުލާނުން ބިންތަކެއް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
“މި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންގެންދަނީ ރިޔާސީ އިންތިޚާބު 2018 ގައި ޕީޕީއެމަށް ކެމްޕެއިންކޮށްދެއްވި ފަރާތްތަކަކަށް ބިން ދިނުމުގެ މަގުޞަދުގައި ކަމަށްބުނެ ގިނަޢަދަދެއްގެ ރައްޔިތުން ތުހުމަތު ކުރަމުންދާތީއާއި، މި ގޯތިތަކާއި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންދަނީ އައްޑޫގެ ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށްކަމަށް ތުހުމަތު ކުރެވޭތީއާއި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ފަރާތުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް އަވަސްއަރުވާލައިގެން މިފަދަކަމެއް ކުރަން އުޅުމަކީ ވަކިފަރާތަކަށް ނަޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ” ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ކައުންސިލުން ބުނެފައިވަނީ މިކަމަކީ އައްޑޫ ރައްޔިތުންނާއި ގުޅިފައިވާ ކަމަކަށްވާއިރު އަދި ކުރިޔައްއޮތް ތަނުގައި ބިންބިމާއި ބެހޭ މަސައްކަތް ކުރަންޖެހޭނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން އެ އިދާރާއިން ކަމަށެވެ. އެހެން ކަމުން މި މަސައްކަތް މިވަގުތަށް މަޑުޖައްސާލުމަށާއި އަދި މިކަމުގެ އިތުރު މަޢުލޫމާތު ހޯދުމަށް ކައުންސިލް އިދާރާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަސްމީކޮށް އެދިފައިވީނަމަވެސް މިއަދާހަމައަށްވެސް އެސިޓީއަށް ޖަވާބުދީފައިނުވާކަންވެސް ފާހަގަކުރާކަމަށެވެ.
ވިޔަފާރީގެ ބޭނުންތަކަށް އައްޑޫސިޓީން ޖުމްލަ 64 ބިމެއް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ހިތަދޫ ، މަރަދޫ ،މަރަދޫ , ފޭދޫ ، ފޭދޫ ، ހުޅުމީދޫ ހިމެނޭހެން ހުރިހާ ރަށެއް ހިމެނޭގޮތަށް ބިން ކުއްޔަށް ދެވިގެންދާނެކަމަށް ވެސް ނިސްޓަރ ވަނީ ވިދާޅުވެފައެވެ.