English Edition
Dhivehi Edition

މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ 14އަހަރުގެ ފިރިހެން ކުއްޖަކު މަރާލައިފިއެވެ.

ރޭ 2 ޖަހާ އެހާއިރު، 4 މީހުންގެ ގުރޫޕެއް ވެގެން ހިންގި މި މާރާމާރީގައި ކަރަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވީ 14 އަހަރުގެ ޝައްފާން އިސްމާއިލް ނަމަކަށް ކިޔާ ކުޑަ ފިިރިިހެންކުއްޖެކެވެ. މިހާދިސާ ހިނގާފައިވަނީ ރޭ 1:55 އެހާއިރު ގ. ޖެލީފިޝްގޭ ކުރިމަތިން ސަބުދޭރިޔާ މަގުގައި ކަމަށާއި، އެސަަހައްދުގައި ގިނަ އަދަދަކަށް ލޭ ހުރިކަމަށްވެސް މަންޒަރުދުށް ބައެއް މީހުން ވަނީ ބުނެފައެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ. 14އ. ގެ މި ކުއްޖާއަކީ ޖަމާލުއްދީން ސުކޫލް ގުރޭޑް 7 ގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށްވެސް މައުލޫމާތުލިބެއެވެ.

ތޫނު އެއްޗަކުން ހަމަލާދީ އެ ހާދިސާ ހިންގުމަށްފަހު ފިލަންދުވި 4 މީހަކު، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްގެން ނެރުނީ މ. ކެންގަރޫކިޑްސް ކިޑްސް ކައިރީގައި ހުރި ގެއަކުން ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ، .

ރޭ އިރާކޮޅުގެ ވަގުތެއްގައިވެސް ފުލުހުން ވަނީ، މާލެތެރޭގައި މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ، ފިހާރަ އަކުން ވަޅި ފަދަ ތަކެތި ގަތުމަށް ފަހު، ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށެވެ.

ރޭ ވަޅި ހަރައި ކުޑަ ކުއްޖަކު މަރާލާފައިވާއިރު، މިދިޔަ އަންގާރަ ދުވަހުވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. ޒަހަމްވި އުމުރުން 24 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލާފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެ އެވެ. އޭގެއިތުރުން އައްޑޫ ސިޓީގައި ޒަހަމްކޮށްލި ޒުވާނަކަށް ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.