English Edition
Dhivehi Edition
މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތަށް ފުލުހުން ހޯދަމުންދާ އިބްރާހީމް އަބްދުﷲ ---- ފޮޓޯ: ޕޮލިސް

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްޓަކައި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (32އ) ކަމަށެވެ. އިބްރާހިމް ޢަބްދުﷲ ހޯދަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ނެވެ. އޭނާ ހޯދަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެހެންކަމުން އިބްރާހިމް ޢަބްދުﷲއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އިބްރާހީމް އަބްދުﷲ އަކީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްއެވެ. އޭނާއަކީ ކުށުގެ ރެކޯޑްތަކެއް އޮތް ފަރާތެކެވެ. އެގޮތުން އޭނާ ވަނީ 2007ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުވެސް ފުލުހުންކޮށްފައެވެ. އަދި ގުރޫޕު މާރާމާރީ އާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގައިވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައެވެ. ޒަރީރަށް ހަމަލާދިން މައްސަލައިގައި އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށެވެ.