English Edition
Dhivehi Edition
13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލާފައި ދަޢުވާ އުފުލާފައިވާ އިބްރާހިމް ޒިހާން

ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި އާދީއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

އަޑުއެހުން ތާވަލު ކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.

ކޯޓުތަކުގައި ކުރިއަށްދާ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް އާންމުކޮށް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. މިޝަރީއަތްވެސް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ އަދި ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުންނެވެ.

ރަހީނުކޮށްގެން ގެންގުޅުނު ގދ. މަޑަވެލި އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރު ރަހުމުކުޑަގޮތަކަށް މަރާލުމަށް ފަހު ފޮއްޓަކަށްލާ، ހެކި ނައްތާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 27 އަހަރުގެ ޒިހާން ގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ވަނީ އުފުލާފައެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަކާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ 5 ދައުވާއަކާއި ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު މީހަކު ޖިންސީ އަމަލެއްކުރުމުގެ ދައުވާއަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖަކު ގްރޫމްކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއަކާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ 3 ދައުވާއެއް ޒިހާންގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ހުރިހާ ކުށެއް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް ޒިހާންގެ މައްޗަށް އަންނާނެއެވެ. ޒިހާން އަކީ މިހާދިސާގެ ކުރިން ވެސް މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.

މިހާދިސާއާއި ގުޅިގެން ޒިހާންގެ އިތުރުން ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކުވެސް ހައްޔަރުކޮށްފައެވެ. ފުލުހުން ހައްޔަރުކުރި ދެމީހުން، ފެނިފައި ވަނީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއަކުންނެވެ. އެ ގެސްޓު ހައުސްއަކީ ކުޑަ ކުއްޖާ ރަހީނުކޮށްގެން ގެންގުޅުނު ގެސްޓު ހައުސްއެވެ.

ކުޑަ ކުއްޖާ ގެއްލުނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. ކުއްޖާ މަރާލައި ފޮއްޓަކަށްލާފައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ އޭގެ ހަތަރު ދުވަސް ފަހުން ޖޫން މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރުއެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅައިގެންވެސް އަނިޔާކޮށްފައިވެއެވެ.