English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނާއިބު ރައީސް މޫސާ މަނިކު ސަލާމް ކުރައްވަނީ -- ފޮޓޯ ވީ ނިއުސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބުދުﷲ މަސީހު މުހައްމަދު، އެމަގާމުން ދުރުކުރުމަށްޓަކައި، އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި އެވެ.

ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށައެެޅުމަށްޓަކައި، މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅޭނީ 42 މެންބަރުންގެ ސޮއި ހޯދައިގެންނެވެ. މިއީ މަޖިލީހުގެ ރިޔާސަތުގައި އަބުދުﷲ މަސީހު އިންނެވުމަށްޓަކައި، އޭނާއަށް ޚާއްސަކޮށް ޕީޕީއެމްގެ މަޖިލީސް މެންބަރުން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލެކެވެ.

މަޖިލީހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ކަމުގެ މައްސަލަ ހުށަހެޅޭނީ 15 މެންބަރުންގެ ސޮޔާއެކުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އަ އަދަދަށް ސޮއި ހޯދައިގެން މަސީހު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ޕީޕީއެމް އިން ވަނީ އެ އަދަދު 42 އަކަށް ހަދާ ގަވައިދު ބަދަލުކޮށްފަ އެވެ.

މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި 43 މެންބަރުންގެ ސޮޔާއެކު މަސީހު ވަކި ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން އެކަން ސާފުކޮށް ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލާގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި ރައީސް މައުމޫނާއެކު ތިއްބެވި މެންބަރުންނާއި، އަދާލަތު ޕާޓީގެ މެންބަރުގެ އިތުރަށް ޕީޕީއެމާއި، އެމްޑީއޭގެ ބައެއް މެންބަރުންވެސް ސޮއިކުރާނެކަމަށެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ކިތައް މެންބަރުންގެ ސޮއިކަމެއް ހާމަކޮށްފައެއްނުވެއެވެ.

މަސީހުގެ އިތުރަށް މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކުވެސް މަގާމުން ދުރުކުރާނެކަމަށާ އޭގެ ކުރިން ރީިތިގޮތުގައި އިސްތިއުފާދިނުމަށް މެންބަރުން ވަނީ މޫސައަށްވެސް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރު ހަމަވާނީ އަންނަ އަހަރުގައެވެ.