ރައްޔިތުގެ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.
ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމީ ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.
މެންބަރު ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މެންބަރަކު އިންތިހާބުވި ޕާޓީން 13 ޖުލައި 2017ގެ ފަހުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައެޅުމާ ގުޅިގެންނާއި ސުޕްރީމް ކޯޓުން އެ ގާނޫނު ސައްހަކަން ކަނޑައެޅުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް އަމަލުކޮށްފައިވެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސައުދައި ގުޅިފައިވާ ޕާޓީ ތަކުން ގެންދިޔައީ ސައުދުގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ބުނަމުންނެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ސައުދު މިދިޔަ އަހަރުގެ 17 އޭޕްރީލްގައި ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ސައުދަށް ކަމަށެވެ. ޕީޕީއެމް އަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައި ވެއެވެ.
މެންބަރު ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އިރު މިއަދު ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑި ވެސް ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައެވެ.