ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ބިން ވިއްކަން ނިންމާ މިއަދު ފޯމު ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމުގެ ފޯމު މިއަދު ހަވީރު 4:00 އިން ފެށިން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދޫކުރަމުން ދާނެ ކަމަށާއި ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ. އަދި ފޯމު ބަލައިގަންނާނީ މާދަމާއިން ފެށިގެންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ހުށަހަޅާ އެޕްލިކޭޝަންތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ ހޮނިހިރު ދުވަހު އެންމެންގެ ކުރިމަތީގައި އެވެ.
“ބިމުގެ އަގަކީ 400 ރުފިޔާ އަށް އަކަފޫޓެއްގެ މަގުން 1،000 އަކަފޫޓު. އެހެންވީމާ 4،000ރ. އަށް މާލޭގެ ރައްޔިތުންނަށް އަދި ދަފްތަރުގެ ޖެހިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް މި ފުރުސަތު ލިބިގެންދަނީ،” މުއިއްޒު ވިދާޅުވި އެވެ.
“ފައިސާ ދެއްކުމަށް ސަރުކާރުން ނިންމާފައި ވަނީ ވަރަށް ލުއި ގޮތަކަށް. އެއީ އެއްފަހަރާ ފައިސާ ނުދެއްކޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކައިފައި 10 އަހަރަށް ބަހާލައިގެން ބާކީ ބައި ދައްކަން ޖެހޭ ގޮތަށް. އެ ފައިސާ ދައްކަން ޖެހޭނީ އެޗްޑީސީ އަށް،” މުއިއްޒު ވިދާޅުވި އެވެ.
400 ގޯތި ވިއްކުމަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ބިމެއް ނުވަތަ ފްލެޓެއް ލިބިފައި ނެތުމާއި، ތަރިކައިގެ ގޮތުގައި 600 އަކަފޫޓު ވަރުގެ ބިމެއް ލިބިފައި ނެތުމާއި މާލޭގެ ރަށްވެއްސަކަށް ވުން އަދި ކައިވެންޏެއް ކޮށްގެން ހުރި މީހަކަށް ވުމެވެ.
ގޯތި ދޫކުރުމުގައި ޕޮއިންޓު ދޭ އުސޫލެއް ނުގެންގުޅުމަށް ސަރުކާރުން ވަނީ ނިންމާފައި ނުވުމާއެކު، ޝަރުތު ހަމަވާ ކޮންމެ މީހެއްގެ ނަން ގުރުއަތަށްދާނެއެވެ.
“މި ފަހަރު އަޅުގަނޑުމެން ޕޮއިންޓް ދިނުމުގެ ސިސްޓަމަކަށް ނުދާނަން. ހުރިހާ އެންމެން ހަމަހަމަވުމުގެ އިތުރަށް، ހުށަހަޅާ ހުރިހާ އެޕްލިކޭޝަނެއް ދާނީ ގުރުއަތަށް،” މުއިއްޒު ވިދާޅުވި އެވެ.