English Edition
Dhivehi Edition

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި އަލިފާން ރޯވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7،000 ހިޔާ ފްލެޓު ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށާއި އަލިފާންރޯޅި ކަން މިއަދު ހެނދުނު ރިޕޯޓުކޮށްގެން ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމް.އެން.ޑީ.އެފްއިން މައުލޫމާތު ދީފައިވެއެވެ.

މިފަދަ ހާދިސާއެއް ހިނގާ މިދިޔައީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މާޝްރޫއުގެ ފްލެޓާއި ގުޅޭ މައްސަލަ ތަހުގީގު ނުކުރަން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމާފައިވަނިކޮށެވެ. އަދި ފްލެޓްތަކާއި ބެހޭ ޝަކުވާތައް އަލުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން އޭސީސީ އިން ވަނީ ރައީސް އޮފީހުގެ ފްލެޓު ކޮމިޓީއަށް އަންގާފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް އެ ކޮމިޓީން ބުނެފައިވެ އެވެ. މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފްލެޓު ލިބުނު މީހުންނަށް އިމާރާތަށް ވަދެވޭވަރު ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.