އައްޑޫސިޓީ މަރަދޫގައި މިރޭ މާރާމާރީ ހިނގާ ދެމީހަކަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
މަރަދޫ ގްރޫޕަކާއި ފޭދޫ ގްރޫޕެއްގެ މެދުގައި ހިނގި މި މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ މަރަދޫގެ ދެ ޒުވާނެކެވެ.
އޭގެތެރެއިން އެކެއްގެ ބޮލަށާއި ބުރަކައްޓަށް އަދި ކަރާއި ދިމާލުން ޒަހަމުކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ބޮލަށް ހަމަލާދިފައިވަނީ ލަކުޑިބުރިއަކުން ކަމަށް ވެއެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ 15 މީހުންގެ ގުރޫޕަކުން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދެމީހުން ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް މަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.