ކައިވެންނަކީ ދެމަފިރިންގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ. އަދި އެކައިވެންނެއް ދެމިއޮންނާނީ ދެފަރާތުން އެއެއްބަސްވުމަށް އިޙްތިރާމްކޮށް އެއާއި އެއްގޮތަށް އަމަލު ކުރާނަމައެވެ. އެހެންނަމަވެސް މީގެ މާނައަކީ ދެމީހުންގެ ޙައްޤުތަކަށް އުނިކަން ގެނައުމެއް ނޫނެވެ.
އިސްލާމްދީނުގައި ކޮންމެ މީހަކަށްވެސް ވަކި ކަހަލަ ހައްޤުތަކެއް ކަށަވަރުކޮށްދެވިފައި ވެއެވެ. އަންހެނުންނަކީ ފިރިންގެ ކިޔަމަނުގައި ވާންޖެހޭ ބަޔަކަށް ވީނަމަވެސް އެކަނބަލުންނަށް ވެސް ގިނަ ގުނަ ޙައްޤުތަކެއް ލިބިގެން ވެއެވެ. އެގޮތުން ފިރިމީހާގެ ކުލުނާ، ލޯތްބާއި އަޅާލުމަކީ ފިރިމީހާގެ ފަރާތުން ލިބެންޖެހޭ ޙައްޤުތަކެކެވެ. އަދި މިޙައްޤަށް ފިރިމީހާ އިޙްމާލުވާނަމަ އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ. ހަމަ އެހެންމެ އެފިރިމީހާއާއި އެކު އަނބިމީހާއަށް ދިރިއުޅެން އުނދަގޫވާކަހަލަ ހާލަތެއް މެދުވެރިވާ ހިނދު ދީނުގައި އޮންނަ ރީތި ގޮތުގައި އެދެމަފިރިން ދުރުވުމަށް ހުރަހެއް ނެތެވެ.
ކައިވެނީގައި އަންހެނާގެ ޙައްޤުތައް ހިމެނޭ ފަދައިން ފިރިމީހާގެ ޙައްޤުތަކެއް ވެސް އެކުލެވިގެން ވެއެވެ. އެގޮތުން އިޙްތިރާމާއި، ލޯތްބާއި، އަޅާލުމަކީ ފިރިމީހާއަށް ވެސް ލިބެންޖެހޭ ޙައްޤެކެވެ.
ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ބަލާއިރު ފިރިންނަށް އެކަކަށްވުރެ ގިނަ އަނބިން ގެންގުޅުމަށް ހުއްދަ ކުރައްވާފައި ވެއެވެ. އެހެނީ އެކަމުގައިވެސް ހިކުމަތްތަކެއް އެކުލެވިގެންވާތީ އެވެ.
ދެއަންބަށް މީހަކާއިނުމަކީ ސަބަބަކާނުލައި އެއްވެސް މީހަކު ކުރަން ބޭނުންވާނެކަމެއްނޫނެވެ. ޚާއްސަކޮށް އަންހެނަކު، ތިމާގެ ފިރިމީހާގެލޯބީގައި އެހެންމީހަކު ބައިވެރި ކުރާކަށް ނޭދޭނެއެވެ. މިއީޒަމާނުއްސުރެވެސް މިކަން އޮންނަ ގޮތެވެ. އަދިކުރިޔަށްއޮތްތަނުގައި އޮންނާނެ ގޮތްވެސްމެއެވެ.
ކައިވެންޏެއް ކުރުމުގެވެސް އެތައް ބޭނުމެއް އޮވެއެވެ. އޭގެތެރޭގައި އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުން، ބައެއްކަހަލަ އަޚުލާގީ ބަލިތަކުން ރައްކާތެރިވުން ހިމެނެއެވެ. ފިރިހެނަކު ދެވަނަ އަންބެއް ހޯދަންޖެހޭ މާގިނަ ސަބަބުތަކެއް ނުވެއެވެ. ނަމަވެސް އެފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ އެއީ އިތުރު ކައިވެންޏަކުން ހަމަޖެހެން އޮތްކަމެއްނަމަ އެގޮތަށް އެކަން ކުރުމަކީ އެންމެ ހަމަޖެހޭގޮތެވެ.
ދެވަނަ ކައިވެންނެއް ކުރިކަމުގައި ވިޔަސް ކައިވެނިކުރަނީ މީހެއްގެ ފިރިއެއްކަމާއި ދޮށީއަނބިމީހާގެ ޙައްޤުތަކެއް ވާކަން ދަންނަންޖެހޭނެއެވެ. ތިމާއާއި އެއްމަގާމެއްގައި ހުއްޓަސް ތިމާމިމަގާމަށް އައުމާއި ރުހިގެންހުރި މީހާއަށް ކަމޭހިތައި ގަދަރުކުރަން ޖެހޭނެއެވެ. ދެއަނބިންކުރެ އެކަކުވެސް އަނެކަކަށް އަޑުލައި ޒުވާބުކޮށް ހަދައިގެން ނުވާނެއެވެ. އަދި ދެމީހުންވެސް ފިރިމީހާއަށް ފުރިހަމަޔަށް ކިޔަމަންވާން ޖެހޭނެއެވެ. ދިރިއުޅުމަކީ ކުޅިވަރެއް ނޫނެވެ. ދުނިޔޭގެ އެދުމާހެދި ނުއުޅޭނަމަ ދެއަންހެނުން ކީއްކުރަންތޯއެވެ ކިޔަމަންވާން ދަންނަ އަޚުލާގު ރަނގަޅު ހަތަރު އަނބިން ވެސް ގެންގުޅެވިދާނެއެވެ.
ބައެއްމީހުން ދެކޭގޮތުގައި ދެއަންބަށް މީހަކާއިނުމަކީ ހަތަރުއުދަރެސް ފެނުޖެހުމެވެ، ނުވަތަ އަމިއްލަ ދިރިއުޅުމުގައި އަލިފާންޖެހުމެވެ. ނަމަވެސް އިންސާނީ އުސޫލަށް ބަލާއިރު އަންހެނުންގެ ޙައްގުތައް ފުރިހަމަޔަށް ހޯދައިދެވެންއޮތީ ފިރިހެނަކަށް އެންމެ އަންބެއް ހުރުމަށްވުރެ ގިނައަނބިން ތިބުމުގެ ފުރުސަތު އޮވެގެންކަން އެގެއެވެ. އިސްލާމްދީނުގައި މިކަން ހުއްދަވެފައިވަނީ ވަރަށްގިނަ ސަބަބުތަކެއް ވާތީއެވެ. އަދިއަހަރެމެންނަށް ކިތަންމެ ޤަބޫލުކުރަން ދަތިވި ނަމަވެސް އިންސާނިއްޔަތަށް އެނޫން ޙައްލެއް ނެތުމުންނެވެ.
އެގޮތުން އަނބިމީހާގެ ޙައްގު ދިފާޢު ކޮށްދިނުމަށްފަހު ފިރިމީހާ ކައިވެނި ރޫޅުމަކާނުލައި ދެވަނަކައިވެންޏެއް ކުރުމަށް ބާރުއަޅުއްވާފައިވަނީ އެގޮތުންވެސް ދޮށީއަބިމީހާ މުޖުތަމަޢުގެ ތެރެއަށް ބާކީނުކޮށް އޭނާގެޢިއްޒަތާއި ޤަދަރު ރައްކާތެރިކުރުމަށް ކަމުގައި ގަބޫލުނުކުރެވިގެން މިއުޅޭސަބަބަކީ ކޮބާހެއްޔެވެ. ދީނާއިމެދު އަހަރެމެން އޮންނަ އިތުބާރު ކުޑަވުމުން މިކަންކަމާމެދު ވިސްލާނެ ފުރުސަތު ނުލިބެނީ ބާވައެވެ. މާތްﷲ އެންގެވި ގޮތަކަށް ކަންތައް ކޮށްގެން އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ހިތުގެއަޑިން ގަބޫލުކުރެވޭވަރަށް އަހަރެމެންގެ ޢަގީދާ ވަރުގަދަ ކުރަންވީއެވެ.
މާތްﷲ ކޮންމެކަމެއްވެސް ނިންމަވާފައި ވަނީ އޭގައި އެތަކެއް ސިއްރުތަކެއް އެކުލެވޭ ޙިކުމަތްތެރި ގޮތަކަށެވެ. އެގޮތުން އެކަލާނގެ ފުރިހަމަކުރައްވާފައިވާ އިސްލާމް ދީނުގައިތިބެ އަހަރެމެން އެއްވެސްބަޔަކަށް ދެއްވާފައިވާ ޙައްގެއް ނިގުޅައި ގަތުމަށް މަސައްކަތް ކުރުމަކީ މިންވަރަށް އީމާން ނުވުމާއި އެކަލާގެ އެންގެވި ގޮތާޚިލާފުވުން ކަމުގައިނޫނީ ނުވާނެއެވެ. އަންހެނުންގެ ޙައްގުތަކުގެވާހަކަ ދައްކަން ޖެހޭނީ ދީނީގިއުގަނޑެއްގެ ތެރޭގައި ފިރިހެނުންގެ ޙައްގުތަކަށްވެސް އަރައިނުގަނެވޭ ގޮތަކަށެވެ.