ރާއްޖޭގެ ބޮޑުސަރަހައްދަކަށް މިއަދުވެސް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން އެންމެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓްއޮފީހުން ބުނެއެވެ.
އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން އެންމެހާފަރާތްތަކުން އަދި ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓްއޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.