ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހު މިފަހަރު އެންމެ ގިނަ އަދި އަގުބޮޑެތި އިނާމުތަކެއް ލިބިގެން ދިޔަ ސްކޫލަކަށް އައްޑޫސިޓިގެ މީދޫ ޝަމްސުއްދީން ސްކޫލް ވެގެންދާނެއެވެ.
ތަފާތު ގިނަ ފަރާތްތަކުގެ ސްޕޮންސަރ އާއި ދީލަތި އެހީތެރިކަމާއެކު އެސްކޫލުގެ މުދައްރިސުންނަށް ވަނީ އުމްރާ ދަތުރު ތަކާއި އޮސްޓްރޭލިއާ ދަތުރަކާއި އަދި ރިސޯޓް ސްޓޭ ގެ އިތުރުން ތަފާތު ގިނަ އިނާމުތައް ލިބިގެން ގޮސްފައެވެ.
މުދައްރިސުންގެ ދުވަހާ ގުޅިގެން އެއްހަފްތާއަށް ސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް އެސްކޫލުން ނިންމާލީ ރޭ ކެނެރީފްގައި ބޭއްވި ރޭގަނޑުގެ ޚާއްޞަ ކެއުމަކުންނެވެ. ޕީޓީއޭގެ ފަރާތުން އިންތިޒާމު ކުރި މި ޑިނަރ ނައިޓްގައި ވަނީ އެ ސްކޫލުގެ މުދައްރިސުންގެ ތެރެއިން ނަސީބުވެރި ފަރާތްތައް ހޮޮވައި އެފަރާތްތަކަށް އިނާމު ހަވާލުކޮށްފައެވެ.
ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެއްވެވި އުމްރާ ދަތުރުގެ އިނާމު ލިބިފައިވަނީ ހައްވާ ޝައްމޫނާ އަށެވެ. އައްޑޫވިމެންސް އެސޯސިއޭޝަނުން ދެއްވެވި އޮސްޓްރޭލިއާ ދަތުރުގެ އިނާމުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ވަސީފާ އަބްދުއް ރަޙްމާނެވެ. އެވިޑް ކޮލެޖުން ދެއްވެވި މާސްޓަރ އޮފް ޕްރައިމަރީ އެޑިޔުކޭޝަން ސްކޮލަރޝިޕް ލިބިފައިވަނީ ފަރުހާނާ އަންވަރަށެވެ.
މީގެ އިތުރުން އީކުއޭޓަރ ވިލެޖުން ދެއްވި 3 މުދައްރިސެއްގެ މެންދުރުގެ ކެއުމާއި މޯލްޑިވިއަނުން 2 މުދައްރިސަކަށް ދެއްވި މާލެ ގަން ޓިކެޓާއި މަރަދޫ ފޭދޫ ވޭވް ސައުންޑް ގެސްޓް ހައުސް އިން ދެއްވި ވަން ނައިޓް ސްޓޭ އާއި ސްކޫލްގެ އެސްއެމްޓީއަށް ސުވަދީބް ކެފޭއިން ދެއްވި ކެއުން ފަދަ ގިނަ އިނާމު ، މުދައްރިސުންނަށް ވަނީ ލިބިފައެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ޝަމްސުއްދީންގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ސްކޫލުގެ ދަރިވަރުންނާއި އަދި ބެލެނިވެރިން ވަކިން ޚާއްޞަކޮށް ޕީޓިއޭގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަމަށް އެ ސްކޫލުން ބުނެއެވެ. ހަމަ މިއާއެކު ބޮޑެތި އިނާމުތަކާއެކު ސްޕޮސަރުންގެ ގޮތުގައި އެހިތެރިކަން ފޯރުކޮށްދެއްވެވި ފަރާތްތަކަށް ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހަކީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހެވެ.