މީގެ ދެތިން ދުވަސް ކުރިން ރެސްޓޯރެންޓެއްގައި ހަވީރު ސައިބޯން އިން އިރު ފެނިގެން ދިޔަ މަންޒަރެއް ސިފަކޮށްދޭނަމެވެ. ހުކުރު ދުވަހުގެ ހަވީރު ވަގުތު ކަމުން ގިނަ ބެލެނިވެރިންތަކެއް ދަރިން ގޮވައިގެން އެތަނަށް ސައިބޯން އައިސް ތިބި އިރު ގިނަ ކުޑަކުދިންތަކެއްގެ ލޯ އެތަނުގެ އެހެން މޭޒެއްގައި ސައިބޯން އިން ޒުވާން އަންހެން ކުއްޖަކަށް ހުއްޓިފައިތިއްބެވެ. މަޑު މަޑުން ބެލެނިވެރިން ކައިރީގައި އެ އިނީ ‘ސުމް ޓީޗަރ’ އޭ ބައެއް ކުދިން ބުނަމުން ދިޔައެވެ. ދެ ކުއްޖެއް އަތުގެ އިޝާރާތުން ސުމް ޓީޗަރ އަށް ގޮވާލިތަންވެސް ފެނުނެވެ.
ރައްޓެއްސަކާއި އެކު ހަވީރުގެ ސަޔަށް އިންސާފުކުރަމުން ދިޔަ މި މުދައްރިސާގެ މޫނު މަތީގެ ކުލަވަރު އެއްކޮށް ބަދަލުވެ ކުދިންނާއި ލޯބިން ފުރިގެންވާ ފަދަ ގޮތަކަށް ވާހަކަ ދެއްކި ތަން ފެނި އަޅުގަނޑުވެސް ވާހަކަ ދައްކާލާ ހިތްވިއެވެ. ހަގީގަތުގައިވެސް ގިނަ ކުދިންނަށް ސުމް ޓީޗަރ ވަރަށް ހާއްސަވީ އޭ ހިތައް އެރީއެވެ. އޭރު މުދައްރިސުންގެ ދުވަސްވެސް ގާތްވެފައި ވުމާއި އެކު މި މުދައްރިސާގެ ވާހަކަ ވަރަށް ހާއްސަވާނެ ކަމަށް ގަބޫލުކުރެވި ބައްދަލުކޮށްލީމެވެ.
ޏ. ފުވައްމުލަކަށް އުފަން އާމިނަތު ސުމްނާ އަކީ މިވަގުތު ފުވައްމުލަކުގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލްގައި އިނގިރޭސި ބަސް ކިޔަވައިދެމުން އަންނަ މުދައްރިސެކެވެ. މުދައްރިސެއްގެ ގޮތުގައި މީގެ 9 ވަރަކަށް އަހަރު ކުރިން ވަޒީފާއަށް ނިކުތީ ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައެވެ.
“އަސްލު އެންމެ ކުޑައިރުއްސުރެ ބޭނުންވީ ނަރުހަކަށް ވާން، ދެން ސްކޫލް ނިންމާލުމަށްފަހު އެހެން ގޭގައި ކަމެއް ނެތި ހުރެފައި ހިތައް އެރީ ޓިއުޝަން ދޭން ފައްޓަންވީއޭ. އެހެން ޓިއުޝަން ދެމުންގޮސް އަސްލު ވަރަށް ލޯބި ޖެހުނު ކިޔަވައިދޭން. އެންމެ ހާއްސަވީ ދަރިވަރުންނާއި މެދު އެ އުފެދޭ ގުޅުމާއި ލޯބި. ވަރަށް ތަފާތު އިހުސާސެއް އެއީ” ސުމްނާ ކިޔައިދިނެވެ.
ސުމްނާ ކިޔައިދިން ގޮތުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުނު ދުވަސްކޮޅަކީ އޭނާގެ ހަޔާތުން ވަރަށް ހާއްސަ ހަނދާންތަކެއް އެކުލެވިގެންވާ ދުވަސްކޮޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ކަންކަމުގައި ޒިންމާ ނަގާ ކެތްތެރިކަން ދަސްވެގެން ދިޔައީ ޕްރީސްކޫލުގައި ކިޔަވައިދިން އެ ތުއްތު ކުދިންގެ ފަރާތުން ކަމަށާއި އުމުރުން ހަގު ކަމުގައިވިޔަސް އެ ކުދިންގެ ފަރާތުން ދަސްވެގެން ދިޔައީ އަގު ނުކުރެވޭނެ ފަދަ ފިލާވަޅުތަކެއް ކަމުގައެވެ.
“އަސްލު ގޭގައި ވެސް އުޅޭ ހަމަ ކުޑަކުދިން ދައްތަ މެން ބޭބެ މެންގެ، އެކުދިންނާއި އެއްކޮށް އުޅުމާއި ދަރިވަރުންނާއި އެއްކޮށް އުޅުން ވަރަށް ތަފާތު. އެ ލިބޭ ލޯބި ވެސް ވަރަށް ތަފާތު. އެކުދިންގެ ފަރާތުން ދަސްވާ ކަންތައްވެސް ވަރަށް ތަފާތު” ސުމްނާ ޕްރީސްކޫލުގެ ހަނދާންތައް އާކޮށްދެމުން ކިޔައިދިނެވެ.
ސުމްނާ މިހާރު ކިޔަވައިދެމުން އަންނަނީ ގްރޭޑް 1 އިން 4ގެ ދަރިވަރުންނަށް ކަމުން ސުމްނާ ކިޔައިދިން ގޮތުގައި މި އުމުރަކީ ކުދިންގެ މިޒާޖަށާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްތަކެއް ކަމުން ކިޔަވައިދިނުމުގައި ވަރަށް ފަރުވާތެރިވާން ޖެހެއެވެ. އެގޮތުން ކުލާހުގެ ހުރިހާ ކުދިންގެ މިޒާޖާއި ގުޅޭނެ ފަދަ ގޮތަކަށް ކިޔަވައިދިނުމުގެ ވައްޓަފާޅި ގެންގުޅުމާއި ކުދިންނާއި ގާތް، އިތުބާރު ކުރެވޭ ފަދަ މުދައްރިސަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ދެކެއެވެ.
މިވަގުތު ކިޔަވައިދިނުމުގެ ދާއިރާއިން މާސްޓާސް އަށް ކިޔަވަމުން އަންނަ ސުމްނާ ކިޔައިދިން ގޮތުގައި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަމަކީ ކިޔަވައިދިނުމުގެ ހަޔާތުގައިވެސް ދިމާވި އެންމެ ގޮންޖެހުން ބޮޑު ދުވަސްކޮޅު ކަމުގައެވެ. އެގޮތުން އޮންލައިން ކޮށް ކިޔަވައިދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ދިމާވިއިރު ކިޔަވައިދިނުމުގައި ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ސުމްނާ ވަނީ ފާހަގަކޮށްފައެވެ.
“ކޮވިޑް19 ޕެންޑެމިކަކީ އަސްލު ފިލާވަޅު ތަކުން ފުރިގެންވާ ދުވަސްކޮޅެއް. ހަގީގަތުގައި ކިޔަވައިދިނުމުގެ ހަޔާތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ކަންތައް ދަސްވެގެން ދިޔަވެސް ދުވަސްކޮޅޭ ބުންޏަސް ދޮގަކަށް ނުވާނެ. ދަރިވަރުންނާއި މެދު އެ އޮންނަ ގާތްކަމާއި ގުޅުން ދެމެހެއްޓުމަށް ވަރަށް މަސައްކަތް ކުރަންޖެހުނު. ބިލަބޮންގް ގެ ކިޔަވައިދިނުމުގެ ވައްޓަފާޅި އެހެން ސްކޫލްތަކާއި ތަފާތުވުމުން ހަގީގަތުގައި ވަރަށް ގިނަ ވަގުތު އެންމެ ފިލާވަޅެއް ކިޔަވައިދިނުމަށް ތައްޔާރުވުމުގައިވެސް ހޭދަކުރަން ޖެހުނު” ސުމްނާ ކިޔައިދިނެވެ.
ސުމްނާ ކިޔައިދިން ގޮތުގައި އޭނާގެ މުދައްރިސީ ހަޔާތުގެ ހުރިހާ ކާމިޔާބެއްވެސް ވަނީ މިހާރު ކިޔަވައިދެމުން އަންނަ ސްކޫލާއި ގުޅިފައެވެ. އެގޮތުން ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ސްކޫލްގެ ފަރާތުން ހޯދައިދޭ އެކިކަހަލަ ފުރުސަތުތައް ސުމްނާ ވަނީ ފާހަގަކޮށްފައެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުތައް ހޯދުމަށް ފުރުސަތުތައް ލިބިފައިވާއިރު ސުމްނާ ވަނީ 2018ވަނަ އަހަރު އިންޑިއާގެ މުމްބާއީއިންވެސް ތަމްރީނުތަކެއްވެސް ހާސިލުކޮށްފައެވެ.
ސުމްނާ ފާހަގަކުރިގޮތުގައި ކިޔަވައިދިނުމުގައި އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ދެވަނަ އާއިލާ ކަމުގައިވާ ކެންގަރޫ އަދި ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ ޓީމެވެ. އެގޮތުން ވަކިން ހާއްސަކޮށް ޕްރިންސިޕަލްގެ ނަން ސުމްނާ ވަނީ ފާހަގަކޮށްފައެވެ. އޮންލައިން ކޮށް ކިޔަވައިދިނުމުގައި ހުރިހާ ޓީޗަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ސުމްނާ ވަނީ ފާހަގަކޮށްފައެވެ.
ސުމްނާ އާއި އެއްކޮށް މަސައްކަތްކުރަމުން އަންނަ މުވައްޒަފުންވެސް ސުމްނާ ފާހަގަ ކުރީ ހަމަ އެންމެ “ލޯބި ލޯބި ސުމް ޓީޗަރ”ގެ ގޮތުގައެވެ. ސަބަބުތައް ބައިވަރެވެ. އެ ބަހައްޓާ ގާތްކަމާއި ދޭ ލޯތްބެވެ. އެ ސަކަ މިޒާޖާއި ގޮވާލާ ކޮންމެ މަސައްކަތެއްގައި އެންމެ ކުރީ ސަފުން އޭނާ ފެނުނެވެ. ދަރިވަރުންގެ ކުރިއެރުމަށް އޭނާ ފާޅުކުރާ ޙިޔާލާއި ޓީމުގެ އެހެން މީހުންނަށް އޭނާ ދޭ ހިތްވަރެވެ.
ހަގީގަތުގައިވެސް މުދައްރިސެއްގެ މަސައްކަތަކީ އަގު ނުކުރެވޭނެ ފަދަ އަގުހުރި މަސައްކަތްތަކެކެވެ. މައުސޫމު ކުޑަކުދިންތަކެއްގެ ހިތުން މަތީ ދަރަޖައެއް ހޯދައިގެން ހުރެ ސުމްނާ އެކުރާ މަސައްކަތަށް ޝުކުރު ހައްގެވެ. އޭއޯ އިން އެދެނީ އަބަދުވެސް ސުމްނާ “ލޯބި ލޯބި ސުމް ޓީޗަރ”ގެ ގޮތުގައި ފެނިގެން ދިޔުމެވެ. ގިނަ ގުނަ ކާމިޔާބީއަށެވެ.