09 ސެޕްޓެމްބަރު 2011 ވީ ދުވަހު ކ. ހުރާ އަށް ދާން ފުރި ހިރިޔާ ސްކޫލުގެ ދަރިވަރުންނަކީ އެކުދީންގެ މުސްތަގުބަލާއި މެދު ފޮނި އުއްމީދުތަކެއް ކުރަމުން އައި ދަރިވަރުންތަކެކެވެ. އެކުދީންގެ މާދަމާއާއި މެދު ވިސްނައި މިފަދަ ތަމްރީނީ ދަތުރެއްގައި ބައިވެރިވީ މާދަމާ އުޖާލާކުރުމުގެ ހުވަފެންތަކާއި އެކުއެވެ. ކުރިމަގާއި މެދު ގިނަ ކަންތައްތަކެއް ސިކުނޑީގައި ކުރެހި ރޭވިފައި ތިބި އެ ދަރިވަރުންގެ މައިދާނީ ދަތުރުވެގެން ދިޔައީ އެތަނުން ބައެއް ކުދިން ދެމިތިބުމުގެ ދުނިޔެއަށްޓަކައި ފެށުނު ދަތުރެއްކަމުގައެވެ. އުޖާލާ ދަންމަރުތަކެއް ބަދު ނަސީބުގެ އަތުން ފަޅި ސިކުންތެއްގެ ތެރޭގައި ނިއްވާލިއިރު މި ހާދިސާގައި އެ ސްކޫލުގެ 4 ދަރިވަރުންނާއި އޭރުގެ ޕްރިންސިޕަލް އަލީ ނާޒިމް ވަނީ ނިޔާވެފައެވެ.
ޏ. ފުވައްމުލަކުގެ ކެންގަރޫ ކިޑްސްގައި މިވަގުތު މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފާތިމަތު ޝަހާ އިބްރާހިމް އަކީވެސް އޭރު ހިރިޔާ ސްކޫލުގެ ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުން އައި ދަރިވަރެކެވެ. އެހެންކަމުން ޝަހާ އަކީވެސް އެ ދަތުރު ފުރަތަމަ ރޭވިފައި އޮތް ގޮތުން އެ ދަތުރުގައި ބައިވެރިވާން ޖެހުނު ދަރިވަރެކެވެ. އެގޮތުން ޝަހާ ފާހަގަކުރި ގޮތުގައި ދަތުރު ފުރަތަމަ ރޭވިފައި އޮތީ އެ ސްކޫލުގެ ގްރޭޑް10 ގެ ދަރިވަރުންނަށް ކަމަށާއި އެހެން ނަމަަވެސް ޓެސްޓު ދުވަސްކޮޅާއި ކައިރިވުމުން ޕްރިންސިޕަލް ނާޒިމް ބައްދަލުކޮށްފައި ދަތުރު ފަސްކުރަން އެދުނު ކަމަށެވެ.
“ޕްރިންސިޕަލް ނާޒިމް ދަރިވަރުންނާއި ވަރަށް ގާތް ގުޅުމެއް ބަހައްޓަވާނެ، ދަރިވަރުންނާއި ގުޅޭ ކަންކަމުގައި ވަރަށް ގިނައިން ދަރިވަރުންގެ ލަފާ ހޯއްދަވާނެ، އެގޮތަށް ދަތުރުގެ ވާހަކަ ވެސް ހިއްސާކުރެއްވި، ދަތުރު ޓެސްޓު ނިމުމުން ދާން ތާވަލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި” ޝަހާ ކިޔައިދިނެވެ.
ޝަހާ ބުނި ގޮތުގައި އެ ހާދިސާގައި ޕްރިންސިޕަލް ނިޔާވި ހަބަރު ލިބުމުން ޕްރިންސިޕަލް ނާޒިމް ފަދަ މުދައްރިސަކަށް ވާން އަޒުމު ކަނޑައެޅި ކަމަށެވެ. އެގޮތުން އެ ހާދިސާއިން މުދައްރިސުންނަކީ ހަމައެކަނި ކުލާސްރޫމެއްގައި ކިޔަވައިދޭ ބައެއް ނޫންކަމާއި އެއީ ދަރިވަރުންގެ މުޅި ހަޔާތާއި ގުޅިފައިވާ ބައެއްކަން އެނގިގެން ދިޔަ ކަމައްވެސް ޝަހާ ކިޔައިދިނެވެ.
ޝަހާ ކިޔައިދިން ގޮތުގައި ކިޔަވައިދިނުމުގެ ދާއިރާއަށް ނިކުމެވުނީ އާއިލާގެ ތެރެއިންނެވެ. އެގޮތުން އާއިލާގެ ތެރޭގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެއް ތިބުމުން އެމީހުންނާއި އެއްކޮށް އުޅުމުގެ ތެރެއިން ފުވައްމުލަކުގައި ހުންނަ ސްކޫލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު 9 ވަރަކަށް އަހަރު ވެފައިވާއިރު ޝަހާ ފާހަގަކުރި ގޮތުގައި ކޮންމެ ދުވަހަކީވެސް ވަރަށް އުފާވެރި ދުވަހެކެވެ.
ޝަހާ މިވަގުތު ކެންގަރޫ ކިޑްސްގައި ޒިންމާދާރު މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު ޝަހާ ފާހަގަކުރިގޮތުގައި އެންމެ އުފާވާ ކަމަކީ މުޖުތަމައު ބަލައިގަންނަ މީހަކަށް ވުމެވެ. އެގޮތުން ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބޭ ލޯބި ޝަހާ ވަނީ ފާހަގަކޮށްފައެވެ.
“އަސްލު ދަރިވަރުން ހީވެސް ނުކުރާ ގޮތްގޮތަށް މުދައްރިސުންގެ ކަންތައް ދަސްކޮށްލާ. ގިނަ ދަރިވަރުންނަށް އިނގޭ ހަމަ ކުޑަ ބަދަލެއް އައިސްފައި ހުއްޓަސް. މިސާލަކަށް ކުޑަކޮށް ބަލިކޮށް އުޅުނަސް ހަމަ އައިސް އަހާނެ ޓީޗަރ ބަލިތޯ، ބަލި ވެއްޖެއްޔާ ގެއަށް ދާން ބުނެ، ގިނައިން ފެންބޯން ބުނެ ވަރަށް އެގޮތަށް އަޅާލާނެ.” ޝަހާ ކިޔައިދިނެވެ.
ކޮވިޑް19ގެ ސަބަބުން މިހާރުވެސް އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ އިރު ޝަހާ ފާހަގަކުރިގޮތުގައި މި ދުވަސްވަރަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ދުވަސްތަކެކެވެ. އެގޮތުން އޮންލައިންކޮށް ކިޔަވައިދިނުމަށް ބެލެނިވެރިންނާއި ދަރިވަރުންނާއި އެއްފަދައިން މުދައްރިސުންވެސް ދަސްކޮށް ހޭނެން ޖެހުނު އިރު ޝަހާ ބުނި ގޮތުގައި ސްކޫލް ބަންދު ކުރި ދުވަސްކޮޅު އެންމެ ފުރަތަމަ ކިޔަވައިދިނީ ވީޑިއޯ ތައް މެދުވެރިކޮށެވެ.
“އެންމެ ފުރަތަމަ ހަމަ ކިޔަވައިދޭން ބޭނުންވާ އެއްޗަކާއި ގުޅޭ ވީޑިއޯ ތައް ކުޅުނީ. މިހުންނަ ޓީވީ ޕްރޮގްރާމްތައް ގޮތައް ހަމަ ޓީޗަރ އެ ވީޑިއޯއިން ފެންނާނެ ހެން. ދެން އެ ބެލެނިވެރިންނަށް ވައިބާ، ވަޓްސްއަޕް މެދުވެރިކޮށް ފޮނުވައިގެން ކިޔަވައިދިނީ. ދެން އެހެން ކިޔަވައިދެމުން އައިސް މިހާރު މިކިޔަވައި ދޭ ގޮތައް ކްލާސް ޑޯޖޯ އަދި ޒޫމް ކްލާސް އަށް ބަދަލުކުރީ” ޝަހާ ކިޔައިދިނެވެ.
ޝަހާ ކިޔައިދިން ގޮތުގައި ތުއްތު ކުދިންތަކަކަށް ދުރުގައި ހުރެ އެގޮތަށް ކިޔަވައިދޭން ޖެހުމުން ގިނަ ގޮންޖެހުންތަކެއް ދިމާވިކަމަށާއި ބެލެނިވެރިން ކިޔަވައިދޭ އެއްޗެހި ދަރިވަރުންނަށް ދަސްކޮށްދޭން ކުރި މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއްކަމުގައެވެ. ޝަހާ އިތުރަށް ފާހަގަކުރި ގޮތުގައި ކޮވިޑް19ގެ ސަބަބުން މުދައްރިސުންގެ ކިޔަވައިދިނުމަށް ބެލެނިވެރިން ކުރަމުން އައި އިތުބާރު ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރެވުނު ކަމަށެވެ.
ޝަހާ ފާހަގަކުރި ގޮތުގައި ސްކޫލުގެ މެނޭޖްމެންޓުގެ ފަރާތުން އޮންލައިންކޮށް ކިޔަވައިދިނުމަށް ހޭލުންތެރިކޮށް ތަމްރީނުކުރުމަށް ހިންގުނު ޕްރޮގްރާމު ތަކަކީ ކިޔަވައިދިނުމުގެ ދާއިރާއިން ލިބުނު ވަރަށް ކާމިޔާބު ތަމްރީނުތަކެއް ކަމުގައެވެ. އެގޮތުން ދަރިވަރުންނަށް ކިޔަވައިދޭނެ ގޮތްތަކާއި، ކިޔަވައިދިނުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރާނެ ގޮތްތަކާއި ޝައުގުވެރިކުރުވާނެ ގޮތްތައް އެ ތަމްރީނުތަކުން ދަސްވި ކަމުގައި ޝަހާ ވަނީ ފާހަގަކޮށްފައެވެ.
ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވާ ޝަހާގެ އުއްމީދަކީ ދާއިރާއިން މަތީ ތައުލީމު ހޯދައިގެން އިތުރަށް ކުރިއަށް ދިއުމެވެ. މަރުހޫމް ޕްރިންސިޕަލް ނާޒިމްގެ ކިބައިން ފެނުނު ދާއިރާއަށް އިން ލޯތްބާއި ޖޯޝު ދާއިރާގައި ދައްކާ، ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތެރި މުދައްރިސާ އަކަށްވުމެވެ. ޝަހާގެ ހަޔާތުގައި ދިމާވި ހިތްދަތި ކަމަކުން ނެރުނު ހިތްވަރަށް އޭއޯ ނިއުސްގެ ފަރާތުން ސާބަސްދެމެވެ.