ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސަކަށް އިންތިޚާބުވެ ވަޑައިގެންފައިވާ އިބްރާހިމް މުހަންމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ޚާއްސަ ދަރުބާރު ގަލޮޅު ބޯޅަދަނޑުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގެ ހުރިހާ ހަރަކާތްތަކެއް ހިންގުމަށް އެކުލަވާލާފައިވާ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ހަސަން ލަތީފް ރާއްޖެ ވިދާޅުވީ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވާގޮތަށް ހަމަޖެއްސީ، އެތަނަކީ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވަރަށް ގިނަ ރައްޔިތުންނަށް ބައިވެރިވެ ވެވޭގޮތަށް މިހާރުވެސް ހުރިތަނަކަށްވާތީ ކަމަށެވެ.
އެގޮތުން، ގަލޮޅު ދަނޑަކީ ސިޑިބަރިތަކާއި ގޮނޑިބަރިތަކާ އެކީގަ 9000-10000 މީހުންގެ ޖާގަ އޮތްތަނެއް ކަމަށާއި، އިބްރާހިމް މުހަންމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގަ ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ލިބޭގޮތަށް އެކަންކުރައްވަން ބޭނުންފުޅުވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، އިބްރާހިމް މުހަންމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ އެކިއެކި ފަރާތްތަކަށް ދައުވަތު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ބޭރުގެ އެކިއެކި ދައުލަތްތަކުގެ އެންމެ އިސްވެރިންނާއި، ފޮރިން މިނިސްޓަރުންނާއި، ބޭރުގެ މިޝަންތަކުގަ އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުންނާއި، އެމްބަސެޑަރުންނާއި، ހައިކޮމިޝަނަރުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ..
އިބްރާހިމް މުހަންމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ގާއިމްކޮށްފަ އެބައޮތް 150 ގައުމަށް ދައުވަތު ދެއްވާނެ ކަމަށެދިނުމަށް ވަނީ ހަމަޖެހިފައެވެ.