English Edition
Dhivehi Edition
20 ޖޫން 2021: ނަފްރަތުގެ ކުށާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ބިލާމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތައް ރައީސް ޞާލިޙާ ހިއްސާކުރަނީ - ފޮޓޯ: އަދާލަތު ޕާޓީ/ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފިއެވެ.

އެގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރު ރީޓްވީޓް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް މަރުހަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.

“އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުން”، ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ފާސްކުރި ޤަރާރުގައި ބުނެފައިވަނީ އެ ޕާޓީން އެގޮތަށް ނިންމީ އިސްލާމް ދީނުގެ ސައްޙަ އަޤީދާ ކުރިއަރުވާ ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ، ދިވެހިރާއްޖޭގެ ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވެވިފައި ވާތީ އާއި، ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ޢަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ޢަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތްކޮށް ކަމަށެވެ.

މީގެ އިތުރުން، މިވަގުތުގެ ޙާލަތުގައި، އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ކަމަށްވެސް އެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

އަދާލަތު ޕާޓީން މިގޮތަށް ނިންމާފައިރު، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމާނީ މި ހަފުތާ ބަންދުގައި އޮންނަ އެ ޕާޓީގެ ގައުމީ ކޮންގުރެސްގައެވެ. ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާ މެދުގައި އެމްއާރުއެމް އިން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.