English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު

ވެންޓިލޭޓަރ ގެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމު ނިންމެވުމާއިގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށް ރައީސްއޮފީހުން އެކަމަށް ރައްދު ދެއްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ނެރުއްވި ބަޔާނުގައި ވަނީ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރުތައް ހޯދުމަށް ހިންގި މުޢާމަލާތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާތީ، އެ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް އަންގާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ”އެންޓި-ކޮރަޕްޝަން ކޮމިޝަން” އިން ކަމަށާއި އަދި ވީހާވެސް އިންސާފުވެރިކަމާއި އެކު ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނުކަންވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ދައުލަތުން އުފުލާ ދަޢުވާ ތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަޤިއްލުކަން ޤާނޫނު އަސާސީއިން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތަޢައްޞުބެއް ނެތި މިނިވަންކަމާއި، ޢަދުލުވެރިކަމާއި އެކު ދަޢުވާތައް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށާއި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުޞޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ޙައްޤުތައް ރައްކައުތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ލާޒިމް ކުރާ ކަމެއްކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ދިވެހި ދައުލަތާ ރައްޔިތުންގެ ޙައްޤުތައް ނަގަހައްޓައި އެ ޙައްޤުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވަވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގެ ބަހުސް އަނެއްކާވެސް ހޫނުވެފައި މިވަނީ އެމައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން އަނެއްކާވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ނިންމެވުމުންނެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސަށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފަ އެވެ. ނަމަވެސް އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ފަހު ކުރިން ނިންމި ނިންމުން ބަދަލު ނުކުރަން ޕީޖީން މިހާރުވަނީ ނިންމާފައެވެ. މިނިންމުމާމެދު ހިތްހަމަޖެހި ވަޑައި ނުގެން ޕްރޮސިކިއުޓަރ ޖެނެރަލްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.