English Edition
Dhivehi Edition
ގާސިމް ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ވަގުތު އިމޭޖެސް:

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ފައިސަލް ނަސީމު އެވެ.

މީގެއިތުރުން މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ އެކްޓިންގ ލީޑަރު ޑރ.ހުސައިން ރަޝީދުއާއި، އަދާލަތު ޕާޓީގެ އިސް ވެރިންނާއި، އެމްއާރު އެމްގެ ވެރިންވެސް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވުމާ ގުޅިގެން އިއްވާފައިވާ 3 އަހަރާއި 4 މަހާއި 12 ދުވަހުގެ ޖަލު ހުކުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭސްފަރުވާއަށެވެ. ގާސިމް އިބްރާހީމް އެންމެ ފުރަތަމަ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ ޖަރުމަނުގަ އެވެ.

ގާސިމް އިބްރާހީމް މިއަދު ރާއްޖެ ވަޑައިގެންފައި މިވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާ ހުކުމެއް ކުރަންދެން އެމަނިކުފާނު މިނިވަންކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން އަމުރުކޮށްފައިވަނިކޮށެވެ.

ގާސިމް އިބްރާހީމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މާލޭގައި 2015 ވަނަ އަހަރުގެ މޭޑޭ އާއި ގުޅިގެން ބޭއްވި ބޮޑު މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށް ފަހުން މިނިވަންކުރުމުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މިއަދާ ހަމައަށް އަލީ ވަހީދުވެސް ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.