English Edition
Dhivehi Edition

އެއީ މުދައްރިސުންގެ ދުވަހެވެ. މުޅި ހަފްތާ އެކީގައި ކަހަލަ ގޮތަކަށް ދިޔައީ މުޅިންހެން މަޖާ ތަފާތު ޕްރޮގްރާމު ތަކުގައެވެ. ފާއިތުވި ކޮންމެ ދުވަހަކީ ސަޕްރައިޒްތަކުން ފުރިގެންވީ ދުވަސްތަކެވެ. އެކިއެކި ޑިނާރ ޕާޓީތަކެވެ. ހަދިޔާތަކެވެ. ސީކްރެޓް ފްރެންޑް ކުޅުމެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން މުދައްރިސުންގެ އަގު ވަޒަންކޮށް އެކިގޮތްގޮތަށް އަންނަ މެސެޖްތަކެވެ. އަހަރުގެ ތެރޭގައި ކުރާ ހުރިހާ ބުރަ މަސައްކަތްތަކެއް މިދުވަސްތަކާއެކު ހަނދާނުން ނެތިގެންދެއެވެ. ކުރާ މަސައްކަތުގެ އަގު މިގޮތަށް ވަޒަން ކުރެވޭތީ މި ދާއިރާދެކެ ލޯބިވެވެއެވެ. މުދައްރިސެއްގެ ހައިސިއްޔަތުން ފަޚުރުވެރިވެވެއެވެ.

މި ދުވަހަކަށް ޚާއްޞަ ކޮށްގެން ދުރާލާ އަހަރެމެން އެންމެންވެސް ހެދުން ފެއްސީމެވެ. އެންމެ ހެދުމެއް ނޫނެވެ. މުޅި ފަސް ހެދުމެވެ. ހަފްތާގެ ކޮންމެ ދުވަހަކަށް ކުލައެކެވެ. އަހަރެމެންގެ ދުވަސް ފާހަގަކުރުމަށް މިހާވަރުގެ ޚަރަދެއް ކޮށްލުމަކީ އަދި މާބޮޑުކަމެއް ނޫންކަމަށް އެންމެން ވެސް ދެކުނެވެ. މިދުވަސްވަރަށް ޚާއްޞަކޮށްގެން އަހަރެމެން އެންމެން ދިޔައީ ބަޖެޓްކޮށް ފައިސާ ރައްކާވެސް ކުރަމުންނެވެ. ތަފާތު ގިނަ ހަދިޔާތަކެއް އަހަރެމެން ކޮންމެ މީހަކަށް ވެސް ލިބޭއިރު އަތުން ދާ އެއްޗެއްވެސް ވަކި މަދެއް ނޫންވީމައެވެ! ކޮންމެ އަހަރެއްގެ މުދައްރިސުންގެ ދުވަހާ ދިމާކޮށް ސީކްރެޓް ފްރެންޑް ކުޅޭތީވެސް ކޮންމެ މީހަކުވެސް ބެލީ އެމީހެއްގެ ސީކްރެޓް ފްރެންޑަށް އެންމެ މޮޅު އަދި ރަނގަޅު އެއްޗެއް ދެވޭތޯއެވެ. ނަސީބު ދިމާކުރި ގޮތުން އަހަންނަށް ދިމާވީވެސް އަހަރެންގެ ބެސްޓް ބަޑީއެވެ. ރީމާ ބޭނުންވާނެ ހުރިހާ އެއްޗެއް އަހަންނަށް އެނގެއެވެ. އެއީ މާބޮޑަށް ވެސް ބްރޭންޑެޑް ކުއްޖެކެވެ. ވަކިން ޚާއްޞަކޮށް މައިކަލް ކޯސް އަކީ ރީމާގެ ފޭނެކެވެ. އެހެންކަމުން އަހަރެން އީބޭއިން ގަތީ މުޅިން ވެސް އެބްރޭންޑްގެ ސާމާނެވެ. ހޭންޑް ބޭގަކާއެކު ވޮލެޓެއް ގަނެލީމެވެ. ދުއިސައްތަ ވަރަކަށް ޑޮލަރު މިކަމަށް ޚަރަދުވިޔަސް އަހަރެން ހާހެއް ނުވެއެވެ. އަހަރެން ބެލީ އަހަރެންގެ ފަރާތުން ދެވޭ އެއްޗަކީ ރީމާ އުފާވާކަހަލަ އެއްޗަކަށް ވުމެވެ. މިދިޔަ އަހަރުގެ މުދައްރިސުންގެ ދުވަހު އަހަންނަށް ލިބުނު ހަދިޔާ މިހާރުވެސް ހަނދާން އެބަހުއްޓެވެ. އަހަރެން އުއްމީދުކޮށްގެން ހުރީ އެހެން މުދައްރިސުންފަދައިން އަހަންނަށް ވެސް ރަނގަޅު އެއްޗެއް ލިބޭނެ ކަމަށެވެ. އެކަމަކު ގެއަށް އައިސް ޕާރުސަލް ކަނޑާލުމުން އަހަރެން މާޔޫސްވިއެވެ. ބަދިގޭގައި ބޭނުންކުރާ ތެލިސެޓެކެވެ.! އަހަންނަކީ ބަދިގެއާއި ދޯޅު މީހެއް ނޫންކަމުން އެއީ އަހަންނަށް ކަމުދާ އެއްޗަކަށް ނުވީއެވެ. ހަދިޔާ ގެންގޮސް ދިނީ މަންމައަށެވެ.

މިއަދަކީ އެ ޚާއްޞަ ދުވަހެވެ. މުޅި ހަފްތާގެ ތެރޭގައި ކުދިކުދި ސަޕްރައިޒް ލިބެމުން ދިޔަ ނަމަވެސް މިއަދު އަދި ވަކިން ޚާއްޞަ ބޮޑު ސަޕްރައިޒެއް އޮންނާނެކަން އެންމެންނަށް އެނގެއެވެ. ހެނދުނު ހޭލެވުމާއެކު ފޯނަށް ބަލާލެވުނެވެ. ފޭސްބްކް ގައި މުޅިންވެސް އޮތީ ދުވަހުގެ ތަހުނިޔާއެވެ. ވައިބާ އާއި މެސެންޖާވެސް ފުރި ބަންޑުން ވަނީ އެވެ. އަހަންނަށް ހިނިތުން ވެލެވުނެވެ. ދަރިވަރުންނާއި ބެލެނިވެރިން އަދި ހެޔޮ އެދޭ ފަރާތްތަކުން ފޮނުވާފައިވާ މެސެޖްތައް ޝުކުރުވެރިކަމާއެކު ބަލައިގަނެވުނެވެ.

އެވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކިޖަހާލިއެވެ.

“ހޭލައިފީމޭ…މިހާރު މި ތައްޔާރުވަނީ” އަހަންނަށް ހޭނުލެވިދާނެތީ މަންމަ ގޮވަނީ ކަމަށް ހީކޮށް އެނދުން ފައިބަމުން ބުނެލީމެވެ.

ދެންވެސް އިވުނީ ޓަކިޖަހާ އަޑެވެ. އަހަރެން ޗޮކެއް ކަނޑާލުމަށްފަހު ފޯނު ޗާޖަށް ޖަހާލީމެވެ. މިއަދު އަދި ލައްކަ ފޮޓޯ ނަގަން ޖެހޭނެކަން އެނގޭތީ ފޯނު ފުލްކޮށް ޗާޖު ކޮށްލުމަށެވެ.

އަނެއްކާވެސް ޓަކި ޖެހި އަޑު އިވިއްޖެއެވެ. ބާރަށް ޗޮކެއް ކަނޑާލަމުން އެދިޔަ ބާރު މިނުގައި ގޮސް ދޮރު ހުޅުވާލީމެވެ. އެއާއެކު އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މީހާ ހުރި ސިފައަށްވެސް ބަލާލެވުނެވެ. އެނދުން ތެދުވިގޮތަށް ބޯހާވާލައިގެން ނިދާ ހެދުމުގައި ހުރި އަހަރެންގެ ކުރިމަތީގައި މިވަގުތު ހުރީ މި ސިފައިގައި އަހަރެން ބައްދަލުކުރަން ބޭނުންވާނެ މީހެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ އެއީއެވެ.

“ހެޕީޓީޗާސްޑޭ މިސް…..!” ގެނައި މާބޮނޑި އާއި ޕާރުސަލް އަހަންނަށް ދިއްކޮށްލަމުން ޒައުލް ބުނެލިއެވެ.

“ތޭންކްސް” އަޅަ އަޅައިގަންނަމުން އަހަރެން އެހެން ބުނެލުމަށްފަހު ޒައުލްގެ އަތުން އެ ސާމާނު އަތުލީމެވެ. އަދި ސްކޫލުން ބައްދަލުކުރާނެ ކަމަށް ބުނެ އަވަހަށް ދޮރު ލެއްޕީމެވެ. ވީ އުފަލެއް ކަމެއް ނުވަތަ ލަދެއް ކަމެއް ނޭނގުނެވެ. އަވަހަށް ދުވެފައި ގޮސް ހުއްޓެވުނީ ލޯގަނޑުގެ ކުރިމައްޗަށެވެ. އަދި ހުރި ސިފައަށް ބަލާލެވުނެވެ.

އަހަންނަކީ ސްކޫލުގައި ވެސް ހެދުން އެޅުމާއި ފެޝަން ކަމަށް ނަން މަޝްހޫރު މުދައްރިސަކީމެވެ. ދަރިވަރުންވެސް އެކަން ފާހަގަކުރެއެވެ. އެންމެ ފަހުގެ ފެޝަންތަކުގެ ހެދުމާއި ފައިވާނާއި މޭކަޕަކީ އަހަރެންގެ ފޭވަރިޓެވެ. އެ ސިފައިގައި ސްކޫލަށް ދާ އަހަރެން، މޮޔައެއްހެން ނިދާ ހެދުމުގައި ބޯހާވާލައިގެން ހުއްޓާ ދަރިވަރަކަށް ފެންނާކަށް އަހަރެން ނޭދެމެވެ. އަދި އެވެސް ގްރޭޑް 12 ގެ ދަރިވަރެކެވެ. ޒައުލް އަކީ ލާނެތް ކުއްޖެކެވެ. ސްކޫލް ތެރޭގައި ނަގާ ކޮންމެ މަޖަލެއްގެ ނަގާކިޔާ މީހަކަށް ހުންނާނީ ވެސް ޒައުލްއެވެ. އަހަރެން ހެދުން އަޅާގޮތާއި ސްކޫލަށް ދާއިރު ހުންނަ ގޮތް ރީތިވެގެން ޒައުލް އަހަންނަށް މިހާރު ކިތަންމެ ފަހަރަކު ތައުރީފްކޮށްފިއެވެ. އެހެންކަމުން މިއަދު އަދި ވަކިން ޒައުލް އާ ދިމާވި ދިމާވުން އަހަންނަށް ކަމު ނުދިޔައެވެ. އެހެނަސް އެއީ މުދައްރިސުންގެ ދުވަހުގެ ސަޕްރައިޒްތަކުގެ ތެރެއިން ސަޕްރައިޒެއް ކަން ހިތަށް ވިސްނައިދީ ގަޑިޖެހުމުގެ ކުރިން ސްކޫލަށް ދާން ތައްޔާރުވާނެ ފެށީމެވެ.

ފާޚާނާއަށް ވަދެ ނިމިގެން އައިސް ދުވަހަށް ޚާއްޞަކޮށްފައި އޮތް ހެދުން އެޅީމެވެ. މިއަދުގެ ކުލައަކީ އަސުރުމާކުލައާއި ކަޅުކުލައެވެ. ހެދުމާ ގުޅޭ ހުރިހާ ސާމާނެއް އަހަރެން ހުރީ ދުރާލާ ހޯދާފައެވެ. ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ހިތްހަމަ ޖެހޭވަރަށް ތައްޔާރުވެލުމަށްފަހު ބާބަރީ ސެންޓުފުޅި ގަޔަށް ހުސްކޮށްލީމެވެ. އަދި އެންމެ ފަހު ފަހަރަށް ލޯގަނޑުގެ ކުރިމަތީގައި ހުރެގެން މޫނު ބަލާލީމެވެ. އަދި ސްކޫލަށް ގެންދަން ޖެހޭ ސާމާނު އެއްކޮށްލަމުން ނިކުންނަށް ހިނގައިގަތްް ވަގުތު ލޮލުގައި އަޅައިގަތީ ދެންމެ ޒައުލް ގެނައި ޕާރުސަލެވެ. އަދި ގަޑިޖެހެންވެސް ކުޑަ ވަގުތުކޮޅެއް އޮތުމާއެކު އޭގައި އޮތްއެއްޗެއް ބަލާލުމަށްޓަކައި ޕާރުސަލް ކަނޑާލީމެވެ. އެވަގުތު…! ބަނދުކޮށްފައިވާ ކުޑަކުޑަ ފޮށިގަނޑުގެ ތެރެއިން އެނދުމައްޗަށް ވެއްޓުނު ރަތްކުލައިގެ ކުޑަކުޑަ ހިތަށް ހައިރާންކަމުގެ ނަޒަރަކުން އަހަރެން ބެލީމެވެ. މިއީ ދަރިވަރަކު އަހަންނަށް ދީފާނެ ކަމަކަށް އަހަރެން އުއްމީދުކުރި އެއްޗެއް ނޫނެވެ. އުމުރުން އަދި 24 އަހަރު ވިޔަސް އަހަރެން ދަރިވަރަކާ މިފަދަ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. ޒައުލްގެ ހިތުގައި މިފަދަ މުޑުދާރު ޚިޔާލެއް އުފެދުނީތީ ފޫހިވިއެވެ.

ދެވަނަ ސިކުންތުގައި އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ހިތާ އެކު އެނދުމައްޗަށް ވެއްޓިފައި އޮތް ކަރުދާސްގަނޑެކެވެ. އަހަންނަށް ޔަގީނާ ގާތަށް އެނގުނީ މިއީ ޒައުލް އޭނާގެ ލޯބީގެ ވާހަކަ އަހަންނަށް އަންގަން ފޮނުވާފައި އޮތް މެސެޖް ކަމެވެ. ފޫހިވެފައި ހުރެ އަހަރެން އެ ކަރުދާސްގަނޑު ކިޔަން ފެށީމެވެ. އޭގައިވާ ކޮންމެ ޖުމުލައަކުން އަހަރެންނަށް ކުރަމުންދިޔައީ ތަފާތު އަސަރެކެވެ. ދެލޮލުން ކަރުނަ ހިލި، ދެލޯފުސްވެ ހަމަ ދެންމެ ކުރި ރީތި މޭކަޕް ފެނަށް ވެގެން ދިޔައީ ޒައުލް ފާޅުކޮށްފައި ހުރި އޭނާގެ ހިތުގެ ޝުއޫރުތަކުންނެވެ. އޭގައި ރީތި އަތުލިޔުމުން ޒައުލް ލިޔެފައިވެއެވެ.

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރޫބީ މިސް އަށް ފޮނުވަމެވެ. ސްކޫލުން އެކިއެކު މުދައްރިސުންނަށް ހަދިޔާ ދިނުމަށް ކުދިން ކަނޑައެޅި އިރު އަހަންނަށް ރޫބީ މިސްގެ ނަން ލިބުމުން ވަރަށް އުފާވިއެވެ. އަހަރެން އެންމެ ލޯބިވާ މިސް އަކީ ރޫބީ މިސް ކަމަށް ވުމުންނެވެ. އަހަރެން ގަބޫލުކުރާގޮތުގައި އަހަންނަށް އެންމެ ހިތްހެޔޮ މިސް އަކީ ވެސް ރޫބީ މިސްއެވެ.

ސްކޫލުގެ ހުރިހާ މުދައްރިސުން ވެސް އަހަންނާހެދި ބައެއް ފަހަރު އުނދަގޫވެގެން އުޅޭ ނޫންހެއްޔެވެ. ލީޑިން ޓީޗަރާ ހަމައަށް ތަފާތު މައްސަލަތަކުގައި އެންމެ ގިނައިން ގެންދާ އެއްކުއްޖަކީ އަހަރެން ކަމަށް ވާނެއެވެ. އެހެނަސް އެއީ މާބޮޑެތި ކަންތައް ތަކުގައެއް ނޫނެވެ. ހަމައެކަނި މަޖަލަކަށް އަހަންނަށް ކުރެވޭ ކަންތައްތަކުން ބައެއްފަހަރު މުދައްރިސުން ހިތްހަމަ ނުޖެހެނީއެވެ. އަހަންނަށް ފިލާވަޅު ނަހަދާ އާދެވޭ ދުވަސް ދުވަހާއި ފޮތް ނުލާ އާދެވޭ ދުވަސް ދުވަހުގެ އިތުރުން މޭޒުމަތީގައި ބޯއަޅާލައިގެން ކިޔަވާހިތް ނުވެފައި އޮންނަ ދުވަސް ތަކަކީ އަދަބު ލިބޭ ދުވަސްތަކެއްކަން އަހަންނަށް އެނގެއެވެ. އެހެން ނަމަވެސް އެފަދަ ދުވަސްތަކުގައި އަހަރެން އެގޮތަށް ކަންތައްތައް ކުރަނީ ކީއްވެގެންކަން އެނގޭ ހަމައެކަނި މުދައްރިސަކީ ރޫބީ މިސް ކަމަށް ވާތީ އަހަރެން މިސް ދެކެ ލޯބިވަމެވެ.

މިސް ހަނދާން ނުހުރެދާނެއެވެ. އެކަމަކު އަހަރެންގެ ހަނދާނުން އެ ދުވަސްތަކެއް ހަމަ ގައިމުވެސް ފިލައިގެން ނުދާނެއެވެ. އަހަރެން އެކަނި ކެންޓީނުގެ ގޮނޑިއެއްގައި ފޯނާ ކުޅެން އިންނަތަން ފެނުމުން މިސް އަހަންނަށް ސައި ދެއެވެ. މިސް އާއެކީގައި ސައިބޮއި އަހަރެން ބަނޑުފުރެން ދެން ކެއުމުގެ ފުރުސަތު ދެއެވެ. އެހެނަސް މިސް އަށް ނޭނގޭނެ އެއްޗަކީ އެއީ އަހަރެން ހަގީގަތުގައި ވެސް ވަރަށް ބަޑުހައިވެފައި ކާނެ އެއްޗެއް ނުލިބިފައި ހުންނަ ދުވަސްތައް ކަމެވެ. އަހަރެން އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ބުނެ މީހުންގެ ހަމްދަރުދީ ހޯދަން ބޭނުން ނުވަނީއެވެ. އަހަރެން ގިނަ ދުވަހު ސްކޫލަށް އަންނަނީ ނުކައި ބަނޑަށް ހުރެ ކަމާއި ކެންޓީނުން އެއްޗެއް ގަނެލެވޭވަރަށް އަހަރެންގެ އަތުގައި ފައިސާއެއް ނުހުންނަކަން އެހެން މީހުންނަކަށް ނޭނގޭނެއެވެ.

ބައެއްފަހަރު އަހަރެންގެ ހިތަށް އަރައެވެ. ސްކޫލްގައި އަހަރެންފަދަ ކިތައް ދަރިވަރުން ތިބޭނެ ބާވައެވެ. މައިންބަފައިންގެ ލޯބި ލިބިގެން ކިޔަވަން އަންނަ ކުދިންނަކީ ކިހާ ނަސީބުގަދަ ކުދިބައެއް ހެއްޔެވެ. އެހެނަސް އެ ނަސީބުން އަހަރެން މަހުރޫމްވިތާ ކޮން ދުވަހެއް ހެއްޔެވެ. ގްރޭޑް 7 ގައި ކިޔަވަމުން ދަނިކޮށް މަންމައާއި ބައްޕަގެ ވަކި ވުމާއި އަހަރެން ދޫކޮށް މަންމަވެސް އަދި ބައްޕަވެސް އެހެން ދިރިއުޅުން އިޚްތިޔާރުކޮށް އަހަރެން ބާކީ ކޮށްލި ހިސާބުން އަހަރެން އެކަނިވެރިވީއެވެ. ގޭގައި އަހަރެން ދިރިއުޅެނީ އެކަނިމާއެކަންޏެވެ. ކައިބޮއި ހަދަނީ ގޭގެ ކައިރީގައި ހުންނަ ފިހާރައަކަށް މަސައްކަތް ކުރަން ގޮސްގެން ލިބޭ ފައިސާއިންނެވެ. ހޯމްވޯކް ނަހަދައި އާދެވެނީ މަސައްކަތް ބުރަވާ ދުވަސްތަކުގައި ވަގުތު ނުލިބިގެންނެވެ. ސްކޫލުގައި އަހަރެން ސަކަރާތް ޖަހައި މަޖާ ނަގަނީ ގޭގައި އެކަނިއުޅެ އުޅެ އެ އެކަނިވެރިކަމާ ދުރުވުމުގެ ބޭނުމުގައެވެ. ކްލާހުގައި ބޯއަޅައިގެން އޮންނަ ދުވަސްތަކަކީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލެވޭނެ ވަގުތު ނުލިބޭ ދުވަސް ދުވަހު ބަނޑުފައި ވެގެން ހަށިގަނޑުގައި ވަރުނެތިގެން އޮންނަ ދުވަސްތަކެވެ. ކެންޓީނުގައި ފޯނާ ކުޅެން އެކަނި އިންނަނީ ޖީބުގައި އެއްވެސް އެއްޗެއް ނެތުމުން ކާ އެއްޗެއް ލިބިދާނެ ކަމަށް އުއްމީދުކޮށްގެން އެފަދަ ހެޔޮއެދޭ ފަރާތެއްގެ އިންތިޒާރުގައެވެ. އެފަދަ ގިނަ ދުވަސްތަކުގައި އަހަންނަށް އެންމެ އެހީތެރިވެދެނީ ރޫބީ މިސް އެވެ. އަހަންނަށް މަންމައެއް ހެން ނަސޭހަތް ދެނީ ރޫބީ މިސް އެވެ. ދައްތައެއް ހެން ހީނ މަޖާކޮށް ހަދަނީ ރޫބީ މިސް އެވެ. ބައްޕައެއްހެން އަހަންނަށް ޚަރަދު ކުރަނީ ރޫބީ މިސް އެވެ. އެހެންވެ އަހަރެން އެންމެ ލޯބިވަނީ ރޫބީ މިސް ދެކެއެވެ. އަހަންނަށް ލޯބި ވެވުނީ އަހަރެންގެ މުދައްރިސް ދެކެއެވެ….!

ސިޓީ ކިޔައި ނިމުމާއެކު އަހަންނަށް ބާރަށް ގިސްލައި ރޮއިގަނެވުނެވެ. ޒައުލް އަހަންނަށް ދިން ރަތް ކުލައިގެ ހިތް ނަގައި މޭގައި ޖައްސާލީމެވެ. ކޮންފަދަ ސާފު ލޯތްބެއް ހެއްޔެވެ؟ ދަރިވަރަކު މުދައްރިސަކު ދެކެ މިހާ މަތިވެރި ލޯތްބެއް ވެދާނެ ކަމަކަށް މީގެ ކުރިން އަހަރެން ހިއްޔެއް ނުކުރަމެވެ. ސްކޫލް ތެރޭގައި ޒައުލް އުޅޭ ގޮތުން އެންމެން ވެސް ހީކުރަނީ އޭނާ “ނޯޓީ” ކަމަށެވެ. ނަމަވެސް މިފަދަ ކިތަށް “ނޯޓީ” ދަރިވަރުން ސްކޫލްގައި އުޅޭނެ ބާވައެވެ.

ޒައުލްގެ އެ ސިޓީއިން އަހަންނަށް ފަޚުރުވެރިވެވުނެވެ. މިއީ މުދައްރިސުންގެ ދުވަހުގައި މުދައްރިސަކަށް ލިބޭނެ އެންމެ އަގުހުރި ހަދިޔާއެވެ…..!!!

ނޯޓް: މިއީ ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހަށް ޚާއްޞަކޮށްގެން މިއަދު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. މިވާހަކަ އަޅުގަނޑު ޚާއްޞަކުރަނީ 21 އަހަރު ވަންދެން އެ ސްކޫލެއްގައި އަހަރެން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރި އައްޑޫހައިސްކޫލްގެ މުދައްރިސުންނަށެވެ. ހަމަ އެއާއެކު ޖުމުލަކޮށް މުޅި ރާއްޖޭގެ ހުރހާ މުދައްރިސުންނަށެވެ.

6 ކޮމެންޓް
Raudha
އޮކްޓޯބަރު 9, 2018
This is an inspirational story.. So heart touching. Proud of you shim dhantha ❤️❤️
Ramla
އޮކްޓޯބަރު 8, 2018
Wow shimlaahtha a cbc touching and beautiful story love it
Fathima
އޮކްޓޯބަރު 5, 2018
Very heart touching .. Happy teachers day to u too miss.. There teachers like this..varah ves asaru kohfi vaahaka kiyaa nimunu iru
ROZY SHAREEF
އޮކްޓޯބަރު 4, 2018
Story very very very very very nice...I love the presentation and the hammer amazing love you shimla
Rozy
އޮކްޓޯބަރު 4, 2018
This story is really very sweet I love it and it is like advice to all teachers Thank you shim
އާދަމް ޒާހިރު
އޮކްޓޯބަރު 4, 2018
ވަރަށް އަސަރުގަދަ. ހުށަހެޅުގައި ޙަޤީޤަތެއް އުފަންކޮށފި. ނަލަ ޗާލު ވާހަކައެް. ސާބަސް