އައްޑޫ ސިޓީ އަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ދެވަނައަށް އެންމެ މީހުންގިނަ ސިޓީ އެވެ. އެސިޓީގެ ރައްޔިތުންނަކީ އިލްމާ ހިލްމުގެ ގޮތުން ނަންވިދާފައިވާ ބަޔެކެވެ. ނަމަވެސް އެރައްޔިތުންގެ އުއްމީދާއި އެއްވަރަށް އެސިޓީ ތަރައްޤީ ވެފައި ވޭބާއޭ އަހާލަން ޖެހެއެވެ.
ކޮންކްރީޓް ތަރައްޤީ އަކީ ވެސް ތަރައްްޤީގެ އެއް އަސާސްކަމަށް ވާއިރު އެތަރައްޤީއިން އައްޑޫ ސިޓީގެ ރައްޔިތުން މަހްރޫމް ވެފައިވާކަމަށް ގިނަ ބަޔަކު ދެކެއެެވެ. ރާއްޖޭގެ އެންމެ ދެކުނުން ހުރިހާ ހިދުމަށްތަކެއް ލިބެން ޖެހޭ ކަމަށް ގިނަބަޔަކު ދެކޭ އައްޑޫއަށް ފާއިތުވެދިޔަ އަހަރުތަކުގައި އެކަށީގެންވާވަރުގެ ތަރައްޤީއެއް އައިސްފައިވޭތޯ އަހާލަން ޖެހެއެވެ. މިސުވާލުގެ ޖަވާބުގައި އައްޑޫގެ މަގުތަކަށް ނަޒަރު ހިންގާލުމުން ވެސް ފެނިގެންދަނެއެވެ.
އައްޑޫ ސިޓީގެ މަގުތަކުގެ ހާލަތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައިވަނީ މިއަދު އިއްޔަކު ނޫނެވެ. މާޒީވެ ދިޔަ 30 އަހަރު އެވާހަކަ ނުދައްކާ އައްޑޫގެ ދަރިއަކު ނެތެވެ. އެކި މޭރަމުން އެކި ހާލަތްތަކުގައެވެ. ބިރުވެރި މަގުތަކެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރާއިރު އަނެތްބަޔަކަަށް ހުރި ބޮޑު ތަކުލީފެއްގެ ގޮތުގައެވެ. މަގުމަތީގައި ދުއްވާ އުޅަނދުތައް ވީރާނާކޮށްލާ ތަނެއްގެ ގޮތުގައެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި ގިނަ ބަޔެއްގެ ފުރާނަ ނެތިގެން ދިޔަ މަގުތަކަށް ވާތީ އެވެ. އަދި މަގުމަތީ ބަހުން ބުނާނަމަ ‘އޮށް ވަޅުގަނޑު’ ތަކުގައި ދުއްވާ އުޅަނދުތަކަށް ލިބުނު ގެއްލުންތައް އަގު ނުކުރެވޭތީއެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 20 އުޅަނދު އައްޑޫ ސިޓީ އަށް ރަޖިސްޓަރީ ކުރާއިރު އައްޑޫގެ މަގުތަކުގެ ޤާބިލުކަން ހުރީ ކިހާވަރަކަށް ހެއްޔެވެ.
ފާއިތުވެ ދިޔަ ސަރުކާރުތަކުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން އައްޑޫގެ މަގުތައް ތަރައްޤީ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ފަށާފައި ވެއެވެ. ނަމަވެސް މިފަދަ ކޮންމެ މަސައްކަތެއްވެސް ގުޅިފައި އޮންނަނީ ކޮންމެވެސް ސިޔާސީ ކެންޕޭނަކާއެވެ. ނަތީދާއަކަށް ވެގެން ދަނީ އެމަޝްއޫރުތައް ހުވަފެނަކަށް ވެގެން ދާތަން ވެސް ފެންނަނީ ހަމަ އައްޑޫގެ ރައްޔިތުންނަށް ކަމަށް ވުމެވެ.
ރައީސް މައުމޫނުގެ ދައުރުގައި އައްޑޫގެ ރަށްތައް ގުޅުވާލެވޭ ގޮތަށް މީގެ 14 އަހަރު ކުރުން ލިންކް ރޯޑްގެ ނަމުގައި ތާރު އަޅައިގެން މަގެއް ހެދިފައިވެއެވެ. އެމަގުގެ ބޭނުން ރައްޔިތުން ކިތަންމެހާ ވެސް ބޮޑަށް ހިފާފައި ވީނަމަވެސް މިއަދު އެމަގު މިޒަމާނަށް ފައްތަން ޖެހިފައި ވެއެވެ. މަގުވަނީ ހަނިވެފައެވެ. މަގުގައި އިތުރު ސަލާމަތީ ކަންކަން ހުންނަން ޖެހެއެވެ. މަގު ދާއިމީކޮށް މަރާމާތުކޮށް އަމާންތަނަކަށް ހެދެން ޖެހެއެވެ.
އެވެރިކަން ނިމެގެން ދެން ފެނިގެން ދިޔަ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި އިތުރު މަގުތަކެއް ހެދި ތާރު އެޅިފައިވެއެވެ. 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ހެދުނު މަގުތަކުގެ ވާހަކަ ވެސް ދައްކާލަން ޖެހެއެވެ. ހިތަދޫގެ ބޮޑުމަގުގައި ޒަމާނުށްސުރެ ހުރި ބިޔަ ގަސްތައް ނެގުމަށްފަހު ތާރު އެޅިނަމަވެސް އެވެރިކަން ނިމިގެން ދިޔައީ އެމަގު އެއްކޮށް ނިންމައި ނުލެވިއެވެ. ނަތީޖާއަކަށްވީ އެމަގު، ޒުވާން ކުދިންނަށް ރަންވޭއެއްގެ ގޮތުގައި ސިފަވެގެން ދިޔުމެވެ. ބާރު ސްޕީޑްގައި ދުއްވުން އާއްމުވެ ނުރައްކާތެރި އެކްސިޑެންޓް ހިނގާ ތަނަކަށް ވެގެން ދިޔައީވެ. ނަމަވެސް އެވެރިކަމުގައި ފޭދޫ އައި މަރަދޫ ގުޅޭ ގޮތަށް ރަނގަޅު ފެންވަރުގައި މަގެއް ހެދިގެން ދިޔަތަން ފެނިގެން ގޮސްފައި ވެއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ހެދުނު މަގުތަކުގެ ސަލާމަތީ ކަންތައްތައް ފުރިހަމަ ކުރުމަށް ރައީސް ވަހީދުގެ ވެރިކަމުގައި މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ނަމަވެސް މަގުމަތީގައި އެޅުނު ދިވިލި މަތަތަކަށް ރައްޔިތުންގެ ތާއީދު އެންމެ ފުރިހަމައަށް ލިބިގެން ގޮސްފައިނުވެއެވެ. އަދި މަގުތައް ކުރެހި ޕާރކިން ޒޯންތައް ކަނޑައެޅިގެން ދިޔަ ނަމަވެސް އެއަށް އަމަލު ކުރާ މަދު މީހަކު ނޫނީ ފެނިގެން ގޮސްފައި ނުވެއެވެ. ރައީސް ވަހީދުގެ ވެރިކަން ނިމުމަކާއި ދާދި ގާތްވެފައި ވަނިކޮށް އައްޑޫގެ ގިނަ މަގުތަކެއްގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަސައްކަތް ފެށިފައިވެއެވެ. ދާދީ ދެންމެ ދެންމެ އަކު މަގުތައް ނިމިދާނެހެން ހީވިނަމަވެސް އެވެރިކަން ނިމިގެން ދިޔުމާއި އެކު އެކަންތައްވެސް ހުވަފެނަކަށް ވެގެން ދިޔައީއެވެ.
ރައީސް ޔާމީންގެ ވެރިކަން ފެށުމާއި އެކު އައްޑޫގެ ރައްޔިތުން ވަރަށް ފޮނި އުންމީދުތަކެއް ކުރިއެވެ. މާލެ ސަރަޙައްދަށް އަންނަމުން ދިޔަ ތަރައްޤީގެ އަސަރު އައްޑޫ އަށް ކުރާނެކަމުގެ އުންމީދެވެ. އެވެރިކަމުގެ ކުރީކޮޅު ފޭދޫގެ ބޮޑު ބައެއް މަދު ދުވަސްތަކެއްގެ ތެރޭގައި ހިއްކުމާއި އެކު އުންމީދުތައް އާވިއެވެ. އެއާއި އެކު ފޭދޫގެ އެއްމަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދިގެން ދިޔުމުން ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް އެވެރިކަމުގެ 5 އަހަރު ނިމިގެން ދިޔައިރު ވެސް އައްޑޫގެ އިތުރު މަގެއް ހެދިގެން ދިޔަތަނެއް ފެނިގެން ގޮސްފައި ނުވެއެވެ. އެހެންނަމަވެސް އިންތިހާބަށް 15 ވަރަކަށް ދުވަހަށް ވީތަނާ އައްޑޫގެ ގިނަ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހަދަން ފެށިކަމުގެ ފެހި ސިގްނަލް ފެނިގެން ދިޔައެވެ. ނަމަވެސް އިންތިހާބު އިން ފެއިލް ވުމާއެކު އެމަސައްކަތްތައް ހުއްޓުވުމަކާއި ގާތަށް ގޮސްފައިވާކަހަލައެވެ.
އައްޑޫސިޓީގެ މަގުތަކުގެ ހާލަތަށް މިވަގުތު ބަލާއިރު އެއީ ރައްޖޭގައި މިވަގުތު ހުރި އެންމެ ނުރައްކާތެރި މަގުތަކެވެ. އުޅަނދުތައް ދުއްވުމަށް އެކަށީގެން ނުވާ ވަރުގެ މަގުތަކެކެވެ. ވާރޭ ވެހިލާއިރަށް ފެންބޮޑުވެ، ވަޅުގަނޑުތައް ހެދި އެމަގުތަކަކީ ރައްޔިތުންނަށް އޮތް ތުރާއަކަށް ވެފައި ވެއެވެ.
ކަން މިހެން އޮތް ނަމަވެސް އަދިވެސް އައްޑޫގެ ރައްޔިތުންގެ އުންމީދަކީ ދެން ފެނިގެންދާ ވެރިކަމެއްގައި އައްޑޫގެ މަގުތައް ތަރައްްޤީވެގެން ދިޔުމެވެ. ރައްޔިތުންނަށް ފަސޭހައިން ދަތުރު ކޮށްލެވޭނެ ފަދަ އަމާން ތަނަކަށް އައްޑޫގެ މަގުތައް ވެގެން ދިޔުމެވެ. ސިޔާސީ ވިސްނުމަކުން ދެކެމުންދާގޮތް ބަދަލުކުރުމަށްފަހު އަސާސީ ހިދުމަތެއްގެ ވިސްނުމުން މިކަން އައްޑޫގެ ރައްޔިތުންނަށް ކޮށް ދެއްވުމަކީ މިރައްޔިތުންގެ އާދޭހެކެވެ.