English Edition
Dhivehi Edition
ފުވައްމުލަކު ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ފޭސްބުކް (އެމްޓީސީސީ)

އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު ފެށުމަށް ހަދަންޖެހޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ސީޑީއީ ކޮންސަލްޓިންގއާ ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ހިތަދޫ އާއި މަރަދޫ އަދި މަރަދޫފޭދޫގެ އިތުރުން ފޭސޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަންކަން ފެށިގެން ކުރިއަށްދާއިރު، މޭޔަރ ޢަބްދުﷲ ޞާދިޤް (ސޯބެ) ވަނީ އިއްޔެ ކަމާބެހޭ މިނިސްޓްރީތަކުގެ ބޭފުޅުންނާއި މާލޭގައި ބައްދަލުކުރައްވާފައި ކަމަށެވެ.

އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޖީކޭ ޑިވެލޮޕްމަންޓްސްއާ އެވެ. 134 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އެ މަޝްރޫޢުގެ ތެރެއިން 13 ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅިގެންދާނެ އެވެ.

އަދި އެ މަޝްރޫޢުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއްވެސް ލިބިގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ޖީކޭ ޑިވެލޮޕްމަންޓްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫ އަށް ގެނެސްފައި ވަނީ ނިމިގެންދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ.

އައްޑޫ ސިޓީގެ މަގުތައް ހަލާކުވެ، ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މަގުތަކުގެ ތާރުގަނޑު ނެއްޓިގެންގޮސް، މަގުމަތީގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެގޮތުން މަގުތަކުގެ އެކި ހިސާބުތަކުން ތާރުގަނޑު ކަނޑާފައި ހުރުމުގެ ސަބަބުން ބައެއް އެކްސިޑެންޓްތައްވެސް ވަނީ ހިނގައިފަ އެވެ. އަދިވެސް އައްޑޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނުނިމޭއިރު، އެ މަސައްކަތް ނުނިންމައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.