2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު އިއްތިހާދަށް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރައްވަވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ، މި އަންނަ ނޮވެމްބަރު 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަން އެމްޑީޕީގެ ބައެއް އިސްފަރާތްތައް ހިމެނޭ ވައިބާ ގުރޫޕެއްގައި ނަޝީދު ވިދާޅުވެފައިވާ ކަމަށް އެޕާޓީގެ އޮފިޝަލަކުވަނީ ކަށަވަރުކޮށް ދެއްވަވާފައެވެ.
ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮން ތާރީޚެއް ކަން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާނީ ސްރީލަންކާ ގެ ކޮލަމްބޯއިން ސީދާ އައްޑޫސިޓީއަށެވެ. އަދި ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާއެއް އައްޑޫސިޓީގައި ބޭއްވުމަށްވެސްވަނީ ހަމަޖެހިފައި ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރުގެ ސަރުކާރުގައި ރައީސް ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ. ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރައިވަޑައިގެންނެވީ 16 ޖަނަވަރީ 2016 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.