ރައީސްޔާމީން ގެ އެކައުންޓަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ވާކަމަށް އަލްޖަޒީރާ އިންބުނެފިއެވެ.
އަލްޖަޒީރާއިން މިއަދު ބުނެފައިވާ ގޮތުގައި އެ ފައިސާތައް ޖަމާކޮށްފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށެވެ.
ރައީސް ޔާމީންގެ އެކައުންޓަކަށް އެފައިސާ ޖަމާ ކުރި ކަމަށް އަލްޖަޒީރާއިން ބުނެފައިވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޭރުގެ ކޮމިޝަނަ އަބްދުﷲ ނަވާޒަށް ފޮނުވި ސިޓީއަކާއި ހަވާލާދީއެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ، އެ ސިޓީ އަލްޖަޒީރާއަށް ފެނިފައިވާ ކަމަށާއި އެ ފައިސާތައް ޖަމާކޮށްފައިވަނީ ދެ ފަހަރެއްގެ މަތިން ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު 648,508 ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި ސެޕްޓެމްބަރު 10 ވަނަ ދުވަހު 810,635 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ފައިސާތައް ފަހުން ނަގާފައިވާ ކަމަށް ވެސް އަލް ޖަޒީރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އަލްޖަޒީރާގައި ބުނެފައިވާ ގޮތުގައި ބޭންކުން އެ ފައިސާއާއި ބެހޭ ގޮތުން ސުވާލު ކުރުމުން އެ ފައިސާއަކީ ކެމްޕޭންގައި ބޭނުން ކުރަން އަމިއްލަ ކުންފުނިތަކުންނާއި އެހެން ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށް ބޭންކަށް އަންގާފައިވެއެވެ. އަދި އެފައިސާފަހުން ނަގާފައި ވާކަމަށްވެސް އަލްޖަޒީރަގައި ބުނެފައި ވެއެވެ.
ރައީސްޔާމީންގެ އެކައުންޓަށް 1.5 މިލިއަންޑޮލަރު ޖަމާކޮށްފައި ވާކަމަށް އަލްޖަޒީރާއިން ބުނެފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސްގެ ވަކި އެކައުންޓެއް ވަނީ ހަމަޖެއްސިފައި ކަމަށާއި އެއެކައުންޓަށް ޤަވައިދުން ފައިސާ ވެސް ޖަމާކުރައްވަމުން ގެންދެވި ކަމަށެވެ. މުއާޒްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ އެފައިސާގެ ކަންތަކުގައި ގާނޫނާ ހިލާފް އެއްވެސް ކަމެއްނޫޅޭނެކަމަށް ދިވެހި އެންމެހައި ރައްޔިތުންނަށް ޔަގީންކޮށް އަރުވާކަމަށެވެ.