English Edition
Dhivehi Edition
މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެމްބަރުން: ފޮޓޯ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރުންގެ މައްސަލާގައި ވަކި ހުކުމް އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓުގައި މައްސަލަ ބަލަން ފަށާފައިވަނީ އިލެކްޝަނުން އެންމެ ފުރަތަމަ ކަނޑައެޅި ހަތަރު މެމްބަރުންގެ މައްސަލައެވެ.

އެއީ، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލައެވެ.

މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ފުލް ބެންޗުން ބައްލަވާ އެމައްސަލާގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަކުރަން ބާއްވާ އަޑުއެހުމެއް ކަމަށެވެ.

މީގެކުރިން މައްސަލާގައި ދައްކާފައިވާ ހުރިހާ ވާހަކައަކަށް ހުކުމް ކުރުމުގައި ރިޔާއަތް ކުރައްވާނެ ކަމަށް ވިދާޅުވެ ވަކީލުންނަށްވަނީ ފުރުސަތު ދެއްވާފައެވެ.

ވަކިވަކިން މިއަދު ކުރިއަށް ގެންދިޔަ މައްސަލާގައި ސައުދު އާއި ވައްޑެގެ ވަކީލުންވެސް އިތުރު ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އިތުރު ވާހަކައެއް ދައްކަން ނެތުމުން އެ މައްސަލާގައި ހުކުމް އިއްވުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް މިމައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ވަނީ ބާއްވާފައެވެ. އެހެން ނަމަވެސް އެދުވަހުގެ އަޑުއެހުމުންވެސް އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފެއް ނުވެއެވެ.