English Edition
Dhivehi Edition

ގޭގެ ފާރުގައި ކުލަލުމަކީ ބުރަ މަސައްކަތެކެވެ. އެހެންނަމަވެސް ކުލަ ނުލާ ހުދު ފާރަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތެވެ. ރީތިކޮށް ކުލަ ލުމަކީ އެގެއެއްގެ ހައިބަތާއި، ފެންނަފެނުމާއި، އެހެންމީހުން ދެކޭގޮތް ބަދަލުކޮށްލުވާލާ ކަމެކެވެ.

ގޭގައި ނުވަތަ ކޮޓަރީގައި ކުލަލުމަކީ ހަރަދު ކުޑަކޮށް ގެ ރީތި ކޮށްލެވޭނެ ގޮތެވެ. އަދި ލާފައި ހުންނަ ކުލައަކުން މީހާގެ މޫޑް ބަދަލުކޮށްލެވިދާނެއެވެ. އެހެންނަމަވެސް ކުލަލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ވެސް ހުނަރެކެވެ. އެހެންކަމުން މިހުނަރުގެ ބޭނުން ކޮށްގެން ކުލަލާނަމަ ވިސްނަން ޖެހޭ ބައެއް ކަންކަން ހުރެއެވެ.

ގޭތެރޭގައި ކުލަ ލުމުގެކުރިން އެތަނެއް ހުސްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން ބޮޑެތި ފަރުނީޗަރުތައް އެއްފަރާތަށް ޖެއްސުން ނުވަތަ އެތަނަކުން ބޭރުކުރުމުން ކުލަލާން ޖެހޭތަން ރަނގަޅަށް ފެންނާނެއެވެ. އެއަށްފަހު ފާރު ރަނގަޅަށް ސާފުކޮށްލަން ޖެހޭނެއެވެ. އޭގެ ސަބަބުން ހަޑިތަކާއި، ހިރަފުސްތަކުން ސާފުވާނެއެވެ. އަދި ފާރުގައި ހުންނަ ލޯވަޅުތައް ބެއްދުމާއި، ކަންކަނުގައި ޓޭޕް އަޅަން ވެސް ޖެހޭނެއެވެ. ހަމައެއާއި އެކު ބިންމަތީގައި ކަރުދާސް ކަހަލަ އެއްޗެއް އެޅުމުން ބިން ހަޑިވުމުގެ ފުރުސަތު ކުޑަވެއެވެ.

ކުލަ އިޙްތިޔާރު ކުރުމަކީ ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ސިކުނޑީގައި ހުންނަ ކުލަ ފާރުގައި ލުމުން ކޮޓަރީގެ އައްޔާއި އެކުލައާއި ގުޅޭނެ މިންވަރާއިމެދު ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އެހެންކަމުން ކުލަ ޓެސްޓް ކުރުމުގެ ގޮތުން ކުޑަތަންކޮޅެއްގައި އިޙްތިޔާރު ކުރާ ކުލަކޮޅެއް ލުމަށްފަހު ރޭގަނޑާއި ދުވާލުގެ އަލީގައި އެކުލައަށް އަންނަ ބަދަލު ދެނެގަންނަން ޖެހެއެވެ. އެހެންކަމުން ކުލަ ގަތުމުގެ ކުރިން ސާމްޕަލް ކުލަ ކޮޅުތަކެއް ހޯދައިގެން ބެލުން ބުއްދިވެރިއެވެ.

ލެވޭ ކުލައެއްގެ ސަބަބުން ކޮޓަރީގެ ސައިޒު ބޮޑުކަމަށް ދައްކާ ވެއެވެ. އެހެންނަމަވެސް ހަޤީގަތަކީ އެއެއް ނޫނެވެ. ކުޑަތަނެއްގައި ކުލަ ލާނަމަ އަބަދުވެސް މަޑު ކުލައެއް އިޙްތިޔާރު ކުރަންޖެހޭނެއެވެ. އޭގެ ސަބަބުން އެތަން ބޮޑުކަމަށް ދައްކާނެއެވެ. އަދި ބޮޑު ތަނެއް ނަމަ އަނދިރި ކުލައެއް ލާށެވެ.

ކުލަ ގަތުމުގެ ކުރިން ބޭނުންވާނެ ކުލައިގެ މިންވަރު އެނގުމަކީ އިސްރާފުނުކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ކުލަ ވިއްކާ ގިނަ ތަންތަނުން ތަނުގެ ސައިޒާއި ކުލައިގެ ބާވަތަށް ބަލައި ބޭނުންވާނެ މިންވަރު އަންދާޒާކޮށް ބުނެދޭނެއެވެ. އެހެންކަމުން މިކަމަށް މިހާރު ވިސްނާކަށް ނުޖެހެއެވެ. އެހެންނަމަވެސް ތަނުގެ ރަނގަޅު މިންތަކާއި، ކުރިން ލާފައި ހުރި ކުލައާއި، މިހާރު ލާން ބޭނުންވާ ކުލައިގެ ވައްތަރު ރަނގަޅަށް އެނގެން ޖެހޭނެއެވެ.

ގޭގައި ކުލަ ލާއިރު ބޭކާރު ޙަރަދު ކުޑަކުރަން ޖެހެއެވެ. އެގޮތުން ކުލަ ލުމަށް ބޭނުންކުރާ ސާމާންތަކަކީ ކޮލިޓީ އެއްޗެއްސަށް ހަދަން ޖެހެއެވެ. އާދައިގެ ފިހިގަނޑަކުން ކުލަ ލާނަމަ އިސްރާފުވެގެން ދާ ކުލައިގެ މިންވަރު ގިނަ ވެއެވެ. އަދި ފިހިގަނޑު އަވަހަށް ހަލާކުވެ އިތުރަށް ހަރަދު ކުރަން ޖެހެއެވެ.

ކުލަ ލުމުގެ ކުރިން މިފަދަ ކުދި ކުދި ކަންތައްތަކާއި މެދު ވިސްނާލަން ޖެހެއެވެ. އަދި އެކަމަށް އެކަށީގެންވާ ވަރަށް ވަގުތު ހޭދަކޮށް އިސްރާފުނުކޮށް ކުލަ ލުމުގެ ކަންތައްތައް ނިންމަން ޖެހެއެވެ. ކުލަ ލުމަކީ ބުރަކަމަކަށް ވީނަމަވެސް ނަތީޖާ ރީތި ކަމަކަށް ވުމުން ގިނަ މީހުން އެކަން ކުރަނީ ވަރަށް ގަޔާވެގެންނެވެ.