English Edition
Dhivehi Edition

ސިފައިންނާއި ފުލުހުންގެ ބަޔަކާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން “ބަޣާވާތެއް” ކުރައްވަން އުޅުއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގަ ނަޝީދު ވިދާޅުވެފައިވަނީ ފުލުހުންނާއި ސިފައިންގެ މަދު ބަޔަކާ އެކު ރައީސް ޔާމީން “ބަޣާވާތެއް” ކުރައްވަން އުޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލަށާއި ފުލުހުންނަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އާދިއްތަ ދުވަހު ބޭއްވި ރިޔަަސީ އިންތިހާބު ބާތިލް ކުރަން ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން މަސައްކަތް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށެވެ. ނަމަވެސް ޕީޕީއެމް އިން ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލް ކުރަން މަސައްކަތް ކުރަމުން ނުގެންދާ ކަމަށެވެ.

ރައީސް ނަޝީދުގެ މި ޓްވީޓްގައި ރައީސް ޔާމީނަށް މުހާތަބު ކުރައްވާފައިވަނީ ވެސް ކުރީގެ ރައީސްގެ ގޮތުގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ރައީސް ނަޝީދު ބަޣާވާތުގެ ތުހުމަތު ކުރެއްވި ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް ނަޝީދުގެ ޓްވީޓްގައި ހިއްސާކުރައްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ތުހުމަތާ ގުޅިގެން ޕީޕީއެމުން ވެސް އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.