ރީތިވުމަށް ބޭނުވާ ސާމާނު ގަތުމަކީ އެތައް ގޮތަކަށް ވިސްނަންޖެހޭ ކަމެކެވެ. ހަށިގަނޑާއި އެންމެ ގުޅޭ ބާވަތްތައް ގަތުމަކީ ބޭނުންތެރި ކަމެއްކަން ކޮންމެމީހަކުވެސް ގަބޫލުކުރެއެވެ. އެގޮތުން ހަންގަނޑުގެ ނާޒުކު ކަމަށްބަލައި މިފަދަތަކެތި ގަތުމަށް ގިނަމީހުން ޝައުޤުވެރިވެއެވެ.
ފެންވަރާއިރު ބޭނުންކުރާ ސައިބޯނި ނުވަތަ ޝަވާޖެލް އަކީ އިޙްތިޔާރުކުރުމަށް އުނދަގޫ އެއްޗެކެވެ. އެއްބަޔަކު ސައިބޯނި ގަތުމަށް އިރުޝާދު ދޭއިރު ޝަވަރޖެލް ގަންނަމީހުން މަދެއް ނޫނެއެވެ. ސަބަބަކީ މިދޭތިން ލިބޭ ފައިދާތަކެއް ވެސް ހުރުމުންނެވެ. އަދި ހަމަ އެއާއި އެކު ގެއްލުންތަކެއް ވެސް ހުރިކަން ޤަބޫލުކުރެވޭތީ އެވެ.
ސައިބޯންޏަކީ އާއްމުކޮށް ކިޔާ ގޮތުންނަމަ ވެޖިޓަބަލް އޮއިލް ނުވަތަ އެނިމަލް ފެޓްސް ހިމެނޭ ގޮތަށް ތަފާތު އެކި ކެމިކަލްތަކެއް ބޭނުން ކޮށްގެން ތައްޔާރު ކުރެވޭ އެއްޗެކެވެ. އެގޮތުން ސައިބޯނި ތައްޔާރު ކުރުމުގެ މަރުހަލާތަކުގައި މިދެންނެވި ކެމިކަލްތަކުގައި ހުންނަ ހަށިގަނޑަށް ގެއްލުން ހުރި ގިނަ މާއްދާތައް އާއްވަ ބަދަލުވެގެން ދެއެވެ. އެހެންކަމުން ސައިބޯނި ތައްޔާރުކޮށް ނިމޭއިރު ގިނަފަހަރަށް ހުންނަނީ ފައިދާ ހުރި ގިނަ މާއްދާތަކުން މުއްސަދި ވެފައެވެ. އަދި އެކި ކަންކަމަށް ޙާއްސަ ކުރެވިގެން އުފައްދާ ބާވަތްތަކަށް އެކަމަކާއި ގުޅޭ މާއްދާތައް އެއްކުރެވެއެވެ. މިސާލަކަށް ‘އެންޓިބެކްޓީރިއަލް’ ސައިބޯނި ތައްޔާރު ކުރުމުގައި ޙާއްސަ މާއްދާއެއްކަމަށްވާ ‘ޓްރިކްސަން’ ބޭނުންކުރުމުން ބެކްޓީރިއާއި ފަންގަސް އިން ދުރުކޮށްދެއެވެ.
ޝަވަރޖެލް އަކީވެސް ސައިބޯނި ފަދައިން ދާދި އެއްގޮތަކަށް އުފައްދާ އެއްޗަކަށް ވީނަމަވެސް، ޝަވަރޖެލް ދިޔާކަން މަތީގައި ބެހެއްޓުމަށްޓަކައި ފެން ބޭނުންކުރެވިފައި ވެއެވެ. އަދި ފޮނުގަނޑު އުފެއްދުމަށްޓަކައި އެކަމަށް ޙާއްސަ މާއްދާއެއް ބޭނުން ކުރެވިފައި ވެއެވެ. ޝަވަރޖެލް އަކީ ސައިބޯންޏާ ހިލާފަށް، ބޭނުންކުރަން ފަސޭހަ އެއްޗަކަށް ވީނަމަވެސް ޝަވަރޖެލް ހަށިގަނޑުން ރަނގަޅަށް ނުފިލުވާނަމަ ހަންގަނޑު ހަލާކުވުމަށް މަގުފަހިވެގެން ދެއެވެ.
ސައިބޯންޏާއި ޝަވަރޖެލް އަޅާ ކިޔާއިރު އެންމެ ފުރަތަމަވެސް ބަލަން ޖެހެނީ އަގަށެވެ. ދިހަ ރުފިޔާ އަށް ވުރެ އަގުހެޔޮކޮށް ގިނަ ސައިބޯނި ލިބޭއިރު އާދައިގެ ޝަވަރޖެލް ފުޅިއެއްގެ އަގު ތިރީސް ރުފިޔާ އަށް ވުރެ ދަށްނުވެއެވެ. ސައިބޯންޏަކީ ގަދަޔަށް ދާ ހިއްލާ މީހުންނާއި، ކަސްރަތު ކުރާ މީހުންނާއި، ނާޒުކުރު ހަންގަނޑު ހުންނަ މީހުންނަށް ހާއްސަ އެއްޗަކަށް ވަނީ ޝަވަރޖެލް އާއި ހިލާފަށް ސައިބޯނީގައި ހިމެނޭ ކެމިކަލްތައް މަދުވާތީއެވެ. އަދި އެއީ ތިމާވެއްޓާއި ރަހްމަތްތެރި ގޮތަކަށް އުފައްދާ އެއްޗަކަށް ވާތީއެވެ. އެހެންނަމަވެސް ހަށިގަނޑަކީ އަބަދު ހިކިފައި ހުންނަ ކަހަލަ ހަށިގަނޑެއް ނަމަ ޝަވަރޖެލް ބޭނުންކުރުން މައްސަލައެއް ނެތެވެ. އަދި މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ވެސް ޝަވަރޖެލް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ފިނި ދުވަސްތަކުގައި ޝަވަރޖެލް ބޭނުން ކުރާއިރު ހޫނު ދުވަސްތަކުގައި ސައިބޯނި ބޭނުން ކުރެވިދާނެއެވެ.
ސައިބޯންޏަކީ ގިނަ ފަހަރު މަތިން ބޭނުންކުރުމަށް ފަސޭހަ އެއްޗެއް ނޫނެވެ. ނަމަވެސް ޝަވަރޖެލް އަކީ ގެންގުޅެން ފަސޭހަ އެއްޗަކަށް ވުމުން މިޒަމާނުގައި ސައިބޯންޏަށް ނޫނެކޭ ބުނާ މީހުން ގިނަ ވެފައި ވެއެވެ. އެހެންނަމަވެސް ސިއްޙީ ވިސްނުމަކުން ބަލާއިރު ޝަވަރޖެލް އަށް ވުރެ ހަށިގަނޑަށް ފައިދާ ބޮޑީ ސައިބޯނިންނެވެ.