ކުރިޔަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި ރައްޔިތުން އެދޭކަންކަން ހާސިލް ކުރުމަށް ސަރުކާރާ ހަވާލުވުމަށް ކުރަން ޖެހޭ އިންތިގާލީ މަސައްކަަތްތައް މިހާރު ވެސް ފައްޓަވާފައިވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުން އެމަނިކުފާނު އިންތިހާބު ކުރެއްވީ ބޮޑެތި އުންމީދުތަކާއެކުގައި ކަމަށާއި އެއީ އިންސާފު ގެއްލިފައި އޮތް އޮތުމާއި ވައްކަމާއި ކޮރޮޕްޝަން އޮތް މިންވަރުން އެކަން ބަދަލު ކުރަން ބޭނުންވެފައިވާތީ ކަމަށެވެ
“ކުރިޔަށް އޮތީ ފަސޭހަ ދުވަސްވަރެއް ނޫން، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ، މި ޓްރާންސިޝަންގެ ތެރޭގައި ވެސް އެންމެން އެކީގައި އެއްބާރުލުން ދިނުމަށް އެދެން, މަސައްކަތްތައް ފެށިގެންދާއިރު ވެސް ހާއްސަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ވާނެ،” އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަސައްކަތްތަކަށް ބޭނުންވާ ކޮމިޓީތައް އެކުލަވާލެވި މިހާރު ވަނީ މަސައްކަތް ފެށިފަ އި ކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުން އަންނަ އިރު ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބޭ ކަމަށާއި އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި އެކި މުއައްސަސަތަކުން އެއްބާރުލުން ދެމުން އަންނަ ކަމަށް އިބޫ ވިދާޅުވި އެވެ.