ފަރުދުން: ފަރުދުންނަކީ މީހުންނެވެ. އެއީ އެއް ފަރުދެއް ގިނަކުރުމަށް ބޭނުންކުރާގޮތެވެ.
ވެރިޔާ: ވެރިޔާގެ ވަރަށް ގިނަ މާނަ އެކުލެވެއެވެ. އެގޮތުން ހަނގުރާމަވެރިޔާ، ހުނަރުވެރިޔާ، ރާވެރިޔާ، ނިފާސްވެރިޔާ، ބައިވެރިޔާ، ބަލަދުވެރިޔާ، ބިކުރުވެރިޔާ، ބުއްދިވެރިޔާ، ބެލެނިވެރިޔާ، ބޭސްވެރިޔާ، ހަދަޘްވެރިޔާ، ކުށްވެރިޔާ، އަނިޔާވެރިޔާ، އަޅުވެރިޔާ، އަތޮޅުވެރިޔާ، އެކުވެރިޔާ، އޮޑިވެރިޔާ، ވަލީވެރިޔާ، ވާރުވެރިޔާ، ފަދަ މާނަ ދޭހަކޮށްދިނުމަށް ބޭނުންކުރެއެވެ. ނަމަވެސް މިތަނުގައި ވެރިޔާގެ މުރާދަކީ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ.
ވަޤުފު: ފިޤުހު ޢިލްމުވެރީން ތަފާތު އިބާރަތުން މާނަކުރެއްވިއެވެ. ابن قدامة މާނަކުރެއްވިގޮތް: “تحبيسُ الأصل، وتسبيل الثمرة“މާނައީ: އެއީ އެއްޗެއްގެ އަސްލު ހިފެހެއްޓުމާއި (ވަޤުފުކުރުމާއި) އަދި އެއެއްޗެއްގެ މޭވާ (މަންފާ) ލިބެމުންދިއުމެވެ.
އެއީ އެންމެ ރަނގަޅުކަމަށް ފެންނަ މާނަކަމުގައި ގިނަ ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. ސަބަބަކީ ޢުމަރުގެފާނަށް ވަޤުފުކުރާނެ ގޮތް،نبيއާ صلى الله عليه وسلم، ދަސްކޮށްދެއްވި ޙަދީޘް (احْبِسْ أصلَها و سَبِّلْ ثَمَرَها) ގެ މާނާއި އެމާނަ ކައިރިކުރާތީއެވެ. އަދި އަބޫ ޒުހުރާގެ ރައުޔަކީ ވެސް އެއީއެވެ.
ފަރުދުން ކުރާ ވަޤުފު
ފަރުދުން ކުރާ ވަޤުފެއް ސައްޙަވުމުށްޓަކައި ހަތަރު އަސާސީ ޝަރުޠު ފުރިހަމަވާންޖެހެއެވެ.އެއީ:
އެކެއް: ވަޤުފުކުރާ މީހާއާއި އެ މީހާގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަ ވުމެވެ.
ވަޤުފު ކުރާމީހާ އަކީ ވަޤުފުގެ މުދާ ޢަޤުދުކުރުމުގައި ހިމެނޭ އެއްރުކުނެވެ. އެ ރުކުން ސައްހަވުމަށްޓަކައި ބުއްދި ހުރުމާއި، ބާލިޣުވެފައި ވުމާއި، މިނިވަނެއްކަމުގައި ވުމާއި، އަދި ޙަޖުރުކުރެވިފައިވާ މީހެއްކަމުގައި ނުވުން ޝަރުޠެވެ.
ދޭއް: ވަޤުފު ވެވޭ ތަކެއްޗާއި އޭގެ ޝަރުޠުތައް ފުރިހަމަވުމެވެ.
ވަޤުފު ވެވޭ ތަކެއްޗަކީ ވަޤުފުގެ މުދާ ޢަޤުދުކުރުމުގައި ހިމެނޭ އެއްރުކުނެވެ. އެ ރުކުން ސައްހަވުމަށް ޓަކައި ވަޤުފު ވެވޭ ތަކެއްޗަކީ ގަނެ ވިއްކުން ހުއްދަ ކުރާ މުދަލެއްކަމުގައި ވުމާއި، އެއީ ކޮންއެއްޗެއްކަން އެނގި ފާޅުވެގެންވުމާއި، އެއީ ވަޤުފު ކުރާމީހާގެ ފުރިހަމަ މިލްކަށްވުމަކީ ހުރިހާ ދަންނަބޭކަލުން އިއްތިފާގުވާ ޝަރުޠުތަކެވެ. އަދި ވަޤުފުކުރެވޭ މުދަލަކީ މިލްކު ވަކިވެފައިވާ ގިނަބައެއްގެ ހިއްސާ އެކުނުލެވޭ އެއްޗަކަށްވުމުގެ ޝަރުޠާއި، ވަޤުފުކުރުމަށް އެކަށީގެންވާ އެއްޗެއްކަމުގައިވުމުގެ ޝަރުޠާއި، އަދި އެއީ ދާއިމަށް ދެމިހުންނަ އެއްޗެއް ކަމުގައި ވުމުގެ ޝަރުޠަކީ ފިޤުހު ޢިލްމުވެރީން ރައުޔު ތަފާތުކުރައްވާފައިވާ ޝަރުޠުތަކެވެ.
ތިނެއް: ވަޤުފު ވެވޭ ބޭނުމާއި އޭގެ ޝަރުޠުތައް ފުރިހަމަ ވުމެވެ.
ވަޤުފު ވެވޭ ބޭނުމަކީ ވަޤުފުގެ މުދާ ޢަޤުދުކުރުމުގައި ހިމެނޭ އެއްރުކުނެވެ. އެ ރުކުން ސައްހަވުމަށް ޓަކައި ފިޤުހު ޢިލްމުވެރީން އެ ބޭނުމުގައި ހުންނަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ މުހިންމު ޝަރުޠުތަކުގައި ހިމެނެނީ ވަޤުފުކުރެވޭ ބޭނުމަކީ ހެޔޮކަމެއްކަމުގައި ވުމާއި، ވަޤުފުވެވޭ ބަޔަކީ މިލްކުވެރިކަން ލިބުން، ނުވަތަ މިލްކުވެރިޔަކަށް ވުން ސައްހަވާބަޔަކަށްވުމާއި، ވަޤުފު ވެވޭ ބަޔަކީ ވުޖޫދުގައި ތިބިބަޔަކު ކަމުގައި ވުމެވެ.
ހަތަރެއް: ވަޤުފުކުރުމަށް ދުލުން ކިޔަންޖެހޭ ބަހާއި (ނިޔަތް ގަތުމާއި) އޭގެ ޝަރުޠުތައް ފުރިހަމަ ވުމެވެ.
ވަޤުފުކުރުމަށް ދުލުން ކިޔަންޖެހޭ ޢިބާރަތަކީ ވަޤުފުގެ މުދާ ޢަޤުދުކުރުމުގައި ހިމެނޭ އެއްރުކުނެވެ. ފިޤުހު ޢިލްމުވެރީން އެ ކަލިމައިގައި ހުންނަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ މުހިންމު ޝަރުޠުތަކުގަައި ހިމެނެނީ ވަޤުފުކޮށް ފިކަން ކަށަވަރުވެ، ލާޒިމުވާ ބަހަކުން އެ ޖުމުލަ ބުނުމާއި، ވަޤުފު ކޮށްފިކަން ފުރިހަމައަށް ދޭހަވާ ޢިބާރަތަކުން އެ ޖުމުލަ ބުނުމެވެ.
ވަޤުފުގެ ހުކުމް:
އެކެއް: ވަޤުފު ވިއްކުމާއި ބަދަލުކުރުމާއި އުވައިލުން ޙަރާމްއެވެ.
ދޭއް:(ހުރި ވަގުފު ހަލާކުވެއްޖެ ނަމަ، ނުވަތަ އާއްމު މަސްލަހަތަކަށް ޓަކައި އެތަނެއް ހުސްކުރަން ވެއްޖެ ނަމަ) އެ ވަޤުފުގެ ބަދަލުގައި އެއާ އެއްފެންވަރުގެ ވަޤުފެއް ނުވަތަ އެއަށްވުރެ މޮޅު ވަޤުފެއް އުފެއްދުން ދީނީގޮތުން ވާޖިބުވެގެންވެއެވެ.
ވެރިޔާ ކުރާ ވަޤުފު
ވެރިޔާ ކުރާ ވަޤުފަށް ފިޤުހު ޢިލްމުވެރީ ދެއްވާފައިވާ ނަމަކީ الإرصاد އެވެ. އިރުޞާދަކީ އަރަބި ބަހުގައި ކަމަކަށް ތައްޔާރުވުމެވެ. އިޞްޠިލާޙުގައި އެއީ އިމާމު މީހާ ބައިތުލްމާލުން ވަކި ކަމަކަށް އެއްޗެއް ޚާއްޞަކުރުމެވެ. މިސާލަކަށް ދައުލަތުގެ ބިނާއެއް ވަކި މަޞްލަޙަތަކަށް ޚާއްޞަކުރުމެވެ.
އިރުޞާދަކީ ވަޤުފެއް ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބާ މެދު ފިޤުހު ޢިލްމުވެރީން ދެފަޅިއަކަށް ބައިވިއެވެ. ފުރަތަމަ ފަޅި: އިރުޞާދަކީ ވަޤުފެއްނޫނެވެ. ސަބަބަކީ ވަޤުފުގެ ބައެއްރުކުން ފުރިހަމަ ނުވާތީއެވެ. ވަޤުފުގެ އެއްރުކުނަކީ ވަޤުފުކުރާ ތަކެއްޗަކީ އެފަރާތުގެ އަމިއްލަ މިލްކެއް ކަމުގައި ވުމެވެ. ދެވަނަ ފަޅި:އިރުޞާދަކީ ވަޤުފެކެވެ. الشربيني ވިދާޅުވިއެވެ. ވެރިޔާ ބައިތުލްމާލުން ނެރޭ އެއްޗެއްގެ ވަޤުފު ޞައްޙައެވެ. އެއީ އާއްމު މަސްލަހަތަކަށް ވިޔަސް ނުވަތަ ޚާއްސަ މަސްލަހަތަކަށް ވިޔަސް މެއެވެ.
އެންމެ ރަނގަޅުކަމަށް ގިނަ ބޭކަލުން ދެކެލައްވަނީ، އިރުޞާދަކީ ވަޤުފެއްނޫންކަމަށެވެ. އެއީ ابن عابدين ވެސް އިޝާރާތް ކުރެއްވި ފަދައިން އެތަކެއްޗަކީ ވެރިޔާގެ އަމިއްލަ ތަކެތިކަމަށް ނުވާތީއެވެ. ވަޤުފަކީ ތިމާގެ އަމިއްލަ މުދަލުން ދަރުމަ ހޯދުމަށް ކުރާ އަޅުކަމެކެވެ. ނަމަވެސް ބައިތުލްމާލުން ވެރިޔާއަށް ފެންނަ މަޞްލަޙަތަކަށް އެއްޗެއް ނެރެ ޚާއްޞަކުރުމަކީ ހުއްދަ ކަމެކެވެ.
އިރުޞާދުގެ ޙުކުމް
އިރުޞާދުގެ މަފުހޫމާމެދު ފިޤުހު ޢިލްމުވެރީން އިޚްތިލާފުވެޑައިގަތްކަމުގައި ވިޔަސް އިރުޞާދުގެ ޙުކުމާމެދު އެއެންމެބޭކަލުން އިއްތިފާގެވެ. އެއީ:
އެކެއް:އިރުޞާދު ވިއްކުމާއި ބަދަލުކުރުމާއި އުވައިލުން ހުއްދައެވެ.
ދޭއް:(ހުރި އިރުޞާދު ހަލާކުވެއްޖެ ނަމަ، އާއްމު މަސްލަހަތަކަށް ޓަކައި އެތަނެއް ހުސްކުރަން ވެއްޖެ ނަމަ) އެ އިރުޞާދުގެ ބަދަލުގައި އެހެން އިރުޞާދެއް އުފައްދަން ލާޒިމެއްނުކުރެއެވެ.
މިއީ ދިވެހިރާއްޖޭގެ ޢިލްމުވެރީން އިތުރަށް ދިރާސާކުރުން މުހިންމު މައްސަލައެކެވެ.
މާލޭގެ މިހާރުގެ ވަގުފުގެ ނަމުގައި ނަންދެވިފައިވާ ތަންތަނަކީ މުޅީންވެސް ވެރިކަމުގެ ފަރާތުން އުފައްދާފައިވާ އާއްމު މަސްލަހަތުތަކެވެ. މިސާލަކަށް ” އެޑިއުކޭޝަން ފަންޑު ބިލްޑިންގު” ނުވަތަ ” ދާރުލްއީމާނު” ބިލްޑިންގު ނުވަތަ ވަކި ކަމަކަށް ހޭދަކުރުމަށް ހަދާފައިވާ ފަންޑު ފޮށިތައް މިސާލަކަށް ” މިސްކިތު ފަންޑު ފޮށި” އެވެ.
ދިނީ ޢިލްމުވެރީން ވަޤުފުގެ ހަގީގަތް ރަނގަޅަށް އޮޅުންފިލުވައިނުދީފި ނަމަ މިކަމުގެ ތެރެއަށް މާލީ ފަސާދެއް ވަނުމަކީ އެކަށީގެންވާކަމެކެވެ. އެއީ މިސާލަކަށް ސަރުކާރުން ރައްޔަތުންގެ ބިމެއް ނަގާގެން އެއީ ވަގުފު ބިމެއްކަމަށް އިއުލާންކޮށް އެތަނުގައި ކުރެވޭ އިމާރާތަށް އާއްމުންގެ ފަނޑު ހޯދުމުން ނުވަތަ ބޭރުގެ ފަންޑު ހޯދުމުން ވަދެދާނެ މާލީފަސާދެއެއްގެ ވާހަކައެވެ. އެއީ ވަޤުފުގެ ނަމުގައި ފަންޑުދޭމީހާގެ މަގުސަދަކަށް ވާނީ ނުވަތަ އޭނާ އެއެއްޗެއް ވަޤުފުކުރަނީ އެއިން އޭނާ މަރުވެފައި އޮންނައިރު ދާއިމަށް ދަރުމަޔާއި ސަވާބު ލިބުން އުއްމީދުކޮށްގެންނެވެ. އަދި ވަޤުފު ހިމެނެނީ صَدقَةٍ جاريَةٍ (ހިނގަހިނގައި ހުންނަ ސަދަގާތެއްގެ) ގޮތުގައެވެ. ނަމަވެސް ބައެއް ސަރުކާރުން ވަގުފުގެ ނަމުގައި ރައްޔަތުންގެ ބައެއް ބިންތައް ނަގާގެން ކޮށްފައިވާ މިފަދަ ތަންތަން މުސްތަގުބަލުގައި އަންނަ ސަރުކާރަކުން އުވާލައިފި ނަމަ ނުވަތަ ވިއްކާލަފި ނަމަ ނުވަތަ ޝަރުޢީ މިންގަޑަށް ނުފެތޭކަމަކަށްބުނެ ސަބުސިޑީ ލިބޭގޮތަށް ބަދަލުކޮށްފި ނަމަ ވަޤުފުގެ ނަމުގައި ފަންޑުދިން މީހާގެ މަގުސަދު ގެއްލި ހިނގައިދާނެއެވެ. އެހިނދު އޭނާ އޮންނާނީ މަރުވެފައެވެ. އެގޮތުން ބައެއްގެ މަލީހައްގުތަކަކަށް އަރައިގަނެވިދާނެއެވެ. ވެރިޔާ ކުރާ ކޮންމެ ހޭދައަކީ ވަގުފެއްކަމުގައި ބަލައިފި ނަމަ އާމުދަނީ ވަންނަ ދައުލަތުގެ ހުރިހާ ތަންތަނަށް ކިޔަންޖެހޭނީ ވަގުފެވެ. އެގޮތުން ” ވަގުފު އެއަރޕޯޓު” ނުވަތަ ” ވަގުފު އެސް.ޓީ.އޯ” ނުވަތަ “ވަގުފު އެމް.ޓީ.ސީ.” ފަދަ ގޮތަކަށެވެ. ދަންނަވާލަން ބޭނުންވަނީ ވަގުފަކީ ބައިތުލްމާލުން ރައްޔަތުންގެ ފައިސާއިން ނުވަތަ ރައްޔަތުންގެ ބިމުން ވެރިޔާ އުފައްދާއެއްޗެއްނޫނެވެ. އެއީ މީހަކު ނުވަތަ ގިނަބަޔަކު ކަމުގައި ވިޔަސް އެބަޔެއްގެ އަމިއްލަ މިލްކުން ހޭދަކޮށްގެން ދާއިމަށް ސަވާބާއި ދަރުމަ ލިބުން އުއްމީދުކޮށްގެން ﷲގެ މަގުގައި ކުރާ ހޭދައެވެ. އެގޮތުން ބިމާއި އިމާރަތަކީ ވަގުފުވެރިޔާ އަމިއްލަ މިލްކަކަށް ވުން ޝަރުޠެވެ.
| ފަރުދުން ކުރާ ވަޤުފުގެ ހުކުމް | ވެރިޔާ ކުރާ ވަޤުފުގެ ޙުކުމް |
| ވަޤުފު ވިއްކުމާއި ބަދަލުކުރުމާއި އުވައިލުން ޙަރާމްއެވެ. | ވެރިޔާކުރާ ވަޤުފު (އިރުޞާދު) ވިއްކުމާއި ބަދަލުކުރުމާއި އުވައިލުން ހުއްދައެވެ. |
| (ހުރި ވަގުފު ހަލާކުވެއްޖެ ނަމަ، އާއްމު މަސްލަހަތަކަށް ޓަކައި އެތަނެއް ހުސްކުރަން ވެއްޖެ ނަމަ) އެ ވަޤުފުގެ ބަދަލުގައި އެއާ އެއްފެންވަރުގެ ވަޤުފެއް ނުވަތަ އެއަށްވުރެ މޮޅު ވަޤުފެއް އުފެއްދުން ދީނީގޮތުން ވާޖިބުވެގެންވެއެވެ.
| ވެރިޔާ ކުރި ވަޤުފު (އިރުޞާދު) ހަލާކުވެއްޖެ ނަމަ، އާއްމު މަސްލަހަތަކަށް ޓަކައި އެތަނެއް ހުސްކުރަން ވެއްޖެ ނަމަ އެ އިރުޞާދުގެ ބަދަލުގައި އެހެން އިރުޞާދެއް އުފައްދަން ލާޒިމެއްނުކުރެއެވެ. |
ވަޤުފާބެހޭ އިތުރު މަޢުލޫމާތު ތިރީގައިއެވާ ލިންކުން ވިދާޅުވެލައްވާ! އަދި އެ ލިންކުން އެ ފޮތް ޑައުންލޯޑު ވެސް ކުރެވޭނެއެވެ.
https://islamhouse.com/ar/books/2839213