English Edition
Dhivehi Edition
މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ:/މިހާރު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ގޭ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި މަހުލޫފް ދޫކޮށްލުމަށް ކޯޓުން އަމުކުރީ އެއްވެސް ޝަރުތަކާ ނުލައެވެ. ކޯޓުން މިގޮތަށް ނިންމީ މަހުލޫފްގެ ބަންދުގެ އަމުރު ރިވިއު ކޮށްދިނުމަށް އޭނާގެ ވަކީލް އެދިވަޑައިގަތުމުން މިއަދު ބޭއްވި އަޑުއެހުމެއްގައެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަ ގުޅިގެން، އެ ޝަރީއަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ އެޕްރީލް މަހުގައެވެ . މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މާފުށީ ޖަލު ކައިރީ މުޒާހަރާ ކުރި މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އެއްވެސް ޝަރުތަކާ ނުލައި މަހްލޫފް ދޫކޮށްލަން އަމުރު ކުރީ އޭނާގެ ބަންދުގެ މުއްދަތު ރިވިއުކޮށް ދިނުމަށް އެދި މަހްލޫފްގެ ވަކީލުން އިއްޔެ ސިޓީއެއް ހުށަހަޅާފައިވަނިކޮށެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ވަކީލު ވިދާޅުވީ މަހްލޫފް ބަންދުގައި ހުންނެވި މުއްދަތުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އެހެންވެ، މަހްލޫފް ދޫކޮށްލުމަށް އިއުތިރާޒެއް ނުކުރާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި މަހުލޫފްގެ ވަކީލު މުހައްމަދު އަޝްރަފް ވަނީ މި ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށާއި މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަދި މައްސަލަ ބާތިލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއް ކަމަށާއި އެކަމާ މެދު އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

މަހްލޫފް ކޯޓަށް ހާޒިރު ކުރާތީ ކްރިމިނަލް ކޯޓު ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެ އެވެ. އޭގެ ތެރޭގައި މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ހިމެނިވަޑައިގަންނަވަ އެވެ.